ރޭ ދަންވަރުގެ ވަގުތެއްގައި މާފަންނު ގެއަކުން ވަގަށްނެގި ތިޖޫރީއެއް ހޯދަމުން ދަނިކޮށް އެގެއާއި ޖެހިގެން ހުރި ގޭގެ ތެރެއިން އެ ތިޖޫރި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ މ. ބިގްފިޝް ގެއިން ވަގަށް ނެގި ތިޖޫރި ފެނުނީ ރޭ ތިނެއް ޖަހާ އެހާއިރު ކަމަށާއި ތިޖޫރީ ފެނުނު އިރު ތިޖޫރީ އަށް އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށެވެ. އަދި ތިޖޫރީގައި ހުރި ފައިސާ އާއި އެހެނިހެންވެސް ލިޔެކިއުންތައް ހަމަޔަށް ހުރިކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

"ފުލުހުން ޗެކްކުރަމުން ދަނިކޮށް ޖެހިގެން ހުރިގެއިން އެ ތިޖޫރީ ފެނުނީ. ފެނުނު އިރު ތިޖޫރީއަށް އެއްވެސް ގެއްލުމެއް ދީފައެއް ނެތް. އަޅުގަނޑުމެން މިދަނީ އެ މައްސަލައިގެ ތަހުގީގު ކުރަމުން،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިޖޫރީ ވަގަށްނެގި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ފަހަކަށް ފޭރުމާއި ވައްކަމާއި އަދި މާރާމާރީ ވަނީ އަނެއްކާވެސް މާލޭގައި އިތުރުވާން ފަށާފަ އެވެ.