12 Sep 2022, 22:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފައްޓަވައިދެއްވުމަށް، ލ. ގަމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.
މި މަހުގެ 11އިން 12އަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުން ކަމުގައި ވިދާޅުވެފައެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލެއް ވަނީ ގަމުގައި ކުރިއަށްގެންގޮސްފައެވެ.
މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސަ ބައިވެރިވެވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި، ހަތަރު ސެޝަނެއް ކުރިއަށް ގެންދިޔައިރު މީގެން ކޮންމެ ސެޝަނެއްގައި ވެސް ޕްރެޒެންޓޭޝަންތައް ހުށަހަޅައި މަޝްވަރާތައް ބޭއްވިއެވެ.
އެގޮތުން، އެ ސެޝަންތަކުގައި މަޝްވަރާކުރެވުނު މައުލޫތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމެވެ.
މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ޚިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށަހަޅައި ސީދާ ރައީސާއި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުންނާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ދުވަހުގެ ސެޝަންތަކުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ކައުސިލްތަކަށް މާލީގޮތުންނާއި ގާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައި ވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު ބޭއްވި ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.