12 Sep 2022, 21:15
އިނގިރޭސި ރާނީ ކުއީން އެލިޒަބެތްގެ ޖަނާޒާ ކުރިއަށްދާތީވެ، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ޔުއެފާ ޔޫރޮޕާލީގްގައި އާސެނަލް އާއި ޕީއެސްވީ ލަންޑަނުގައި އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ތާވަލްކޮށްފައި އޮތް މެޗު ފަސްކޮށްފިއެވެ.
މިކަމާ ގުޅިގެން އާސެނަލްގެ ވެބްސައިޓުގައި ބުނެފައިވަނީ، އާސެނަލް އާއި ޕީއެސްވީ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަސްކުރުމަށް ޔުއެފާއިން ނިންމާފައިވާކަމަށާއި، އަލުން މެޗު ކުޅޭނޭ ވަކި ތާރީޚެއް އަދި ނިންމާފައި ނުވާކަމަށެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުމަށް ތާވަލްކުރި މެޗު ފަސްކުރުމަށް ޔުއެފާއިން ނިންމި މައިގަނޑު ސަބަބަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބެތްގެ ޖަނާޒާގެ ކަންކަން ކުރިއަށްދާތީވެ، އެކަމުގެ އިންތިޒާމުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާތީވެ، މެޗުގެ ސެކިއުރެޓީ ބެލެހެއްޓުމަށް އެކަށީގެންވާވަރަށް ފުލުހުން ލިބެން ނެތުމުންނެވެ.
ރާނީގެ ޖަނާޒާގެ ކަންކަން ކުރިއަށްދާތީވެ، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން މިހަފްތާ ބަންދުގައި ކުޅުމަށް ތާވަލްކުރި އިނގިރޭސި ޕްރިމިއާ ލީގްގެ މެޗްތައް ވެސް ވަނީ މުއްދަތެއްނެތި ފަސްކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސްލީގް ގްރޫޕް ސްޓޭޖުގައި މާދަމާ ރޭ އިޓަލީގެ ނަޕޯލީ އާއި ސޮކްޓަރލޭންޑްގެ ރޭންޖާސް ކުޅުމަށް ތާވަލްކުރި މެޗު ވެސް ވަނީ ފަސްކޮށްފައެވެ.