ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅު ހެދުމުގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީ އިން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީ އަށް ގެއްލުން ދިން ކަމަށް ތުހުމަތުކޮށް، ފުލުހުން ހޯދަމުން ދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު އިއްޔެ ހޯދައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ ހަތަރު މީހުންގެ ތެރެއިން އިއްޔެ ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށީ ހަމީދީ މަންޒިލް އަހުމަދު ހަމީދު، 29 އާއި އަދި ހަމަ އެގޭ ހުސައިން ހަމީދު، 26 ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ އިއްޔެ ހަވީރު މާލޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ކަމަށެވެ.

އަދި ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު،19 އަދި ހ. ރޯޒަންޑޭލް ޝިފާން ޞަފްރަޠު،17 އަދި ވެސް ފެނިފައިނުވާ ކަމަށާއި އެދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސް ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ވީޓީވީ އަށް ގެއްލުންދިން މައްސަލައިގައި ހިމެނޭ އިތުރު މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.