ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

މި އިވެންޓްގެ ޗެމްޕިއަންކަން އުމުރުން 19 އަހަރުގެ އަލްކަރާޒް ހޯދާފައިވަނީ، ފައިނަލުގައި ނޯވޭގެ ކެސްޕާ ރޫޑް އާ ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓް އަލްކަރާޒް ގެންދިޔައީ 4-6 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓް އަލްކަރާޒް ގެންގޮސްފައިވަނިކޮށް، ކުޅުން ރަނގަޅުކޮށް ރޫޑް ވަނީ ދެވަނަ ސެޓް 6-2 ގެ ނަތީޖާއަކުން ގެންގޮސްފައެވެ. މެޗްގެ ތިންވަނަ ސެޓް 7-6 ގެ ނަތީޖާއަކުން ރޫޑް ގެންގޮސްފައިވަނިކޮށް ފަހުސެޓް ގެންދިޔައީ 3-6 ގެ ނަތީޖާއަކުންނެވެ.

މިއީ އަލްކަރާޒް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިމެޗް އަލްކަރާޒް ކާމިޔާބުކުރުމާއެކު އޭނާ ވެފައިވަނީ، 2005 ވަނަ އަހަރަށްފަހު ދުނިޔޭގެ ޓެނިސް ކުޅުންތެރިޔާގެ މަގާމް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެކުރިން އެންމެ ޒުވާން އުމުރުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިންގެ ރަފައެލް ނަޑާލެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަލްކަރާޒް ބުނީ، ފުރިހަމަވެގެން ދިޔައީ އެންމެ ކުޑައިރުވެސް ދެކެމުންއައި ހުވަފެނެއްކަމަށާއި، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ.

ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދުމާ ގުޅިގެން ޓެނިސް ލެޖެންޑް ރަފައެލް ނަޑާލްވެސް ވަނީ އޭނާއަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައެވެ. ރަފައެލް ނަޑާލް ބުނީ އަލްކަރާޒަކީ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާނޭ ކުޅުންތެރިއެއް ކަމަށެވެ.