ލަންޑަން (12 ސެޕްޓެމްބަރު 2022): އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިވެ މިނިވަން މުސްތަގިއްލު ޖުމްހޫރިއްޔަތަކަށް ބަދަލުވުމާމެެދު އިނގިރޭސި ރަސްކަމުގެ ތާޖަށް ނިސްބަތްވާ ގިނަ ގައުމުތަކުން މިހާރު ވިސްނަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ރަސްކަމުގެ ތާޖަށް ނިސްބަތްވާ ބައެއް ގައުމުތަކުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އެގައުމުތަކުގެ އާންމުން ވަނީ އިނގިރޭސި ރާނީ އެލިޒަބަތު 2 އަވަހަރަވުމާއެކު ސޯޝަލް މީޑިއާގެ ފޯރަމްތަކުގައި އިނގިރޭސި ރަސްކަމުން ވަކިވުމުގެ ބަހުސް ފަށާފައެވެ. މިޚަބަރު އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުގައި ޝާއިޢުކޮށްފައިވާއިރު، އިނގިރޭސި ރަސްކަމުގެ ތަޚުތަށް އެލިޒަބަތުގެ ދަރިކަލުން ޗާލްސް އައްޔަންކުރުމަށް މިމަހުގެ އެގާރަވަނަ ދުވަހު ލަންޑަންގެ ސެންޓް ޖޭމްސް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުންވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ.

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބްރައުން ވިދާޅުވީ އެންޓީގުއާ އެންޑް ބާބިއުޑާގެ ރައްޔިތުންގެ ތެރޭގައި އަމިއްލަ ޖުމްހޫރިއްޔަތެއް ބޭނުންވާ ޒުވާނުންގެ އަދަދު އިތުރުވަމުން ދާކަމަށެވެ. އެހެންކަމުން ޒަމާންވީ އިނގިރޭސި ރަސްކަމުގެ ދަށުގައި ތާއަބަދަށް ތިބުމުގެ ބަދަލުގައި ޒަމާނަށް ފެތޭ ޖުމްހޫރީ ނިޒާމެއް އޮންނަ އަމިއްލަވަންތަ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި އެންޓީގުއާ އެންޑް ބާބިއުޑާ ކަނޑައެޅުމަށްޓަކައި ލަސްތަކެއްނުވެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގެސްޓަން ހާމަކުރެއްވި ގޮތުގައި ގައުމުގެ ސިޔާސީ ނިޒާމު ބަދަލުކުރުމާމެދު އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި އޭނާގެ ސަރުކާރަކުން ފެންނަ ނުފެންނަ ވޯޓެއް ނަގާނީ ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމަށް އޭނާ އިންތިޚާބުވެޑައިގެންފި ހާލަތެއްގައެވެ. އެންޓީގުއާ އެންޑް ބާބިއުޑާގައި ދެން އާންމު އިންތިޚާބެއް ބާއްވާނީ 2025 ވަނަ އަހަރުއެވެ.

ގެސްޓަން ބްރައުންގެ އިތުރުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒީ ވެސްވަނީ އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިވެ މިނިވަން މުސްތަގިއްލު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ރޫޙު އޮސްޓްރޭލިއާގެ ގިނަ ބައެއްގެ މެދުގައި އިތުރުވަމުންދާކަން ހާމަކުރައްވާފައެވެ.

ނަމަވެސް އަލްބަނޭޒީ ވިދާޅުވިގޮތުގައި އޭނާ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ދައުރުގައި އެފަދަ ވޯޓެއް ނެގުމުގެ ވިސްނުމެއްނެތެވެ. އަލްބަނޭޒީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ކުރީކޮޅުގައެވެ. ދެން އޮސްޓްރޭލިއާގައި އާންމު އިންތިޚާބެއް ބާއްވާނީ 2026 ވަނަ އަހަރުގައި ކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމުގެ ވޯޓަކަށް އެންމެ އަވަހަށްވެސް ދެވޭނީ އަދި ހަތަރު އަހަރު ފަހުންކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސި ރާނީ ނުވަތަ ރަސްގެފާނަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އިނގިރޭސިވިލާތުގެ އިތުރުން އަދިވެސް 14 ގައުމަކުން ބަލައިގަނެއެވެ. އެގައުމުތަކަކީ އޮސްޓްރޭލިއާއާއި އެންޓީގުއާ އެންޑް ބާބިއުޑާ ގެ އިތުރުން ނިއުޒިލޭންޑް، ކެނެޑާ، ޕަޕުއާ ނިއު ގިނީ، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސަންޓް އެންޑް ދަ ގްރެނާޑީންސް، ސޮލަމަން އައިލެންޑްސް، ތުވާލޫ، ޖެމެއިކާ، ބަހާމާސް، ބެލީޒް، ކެނެޑާ އަދި ގްރެނާޑާ އެވެ.

މީގެތެރެއިން އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއުޒިލޭންޑް ފިޔަވައި ދެންހުރި ގައުމުތަކަކީ ވަރަށް އާބާދީ މަދު އަދި ސަރަހައްދުގެ ގޮތުންވެސް ވަރަށް ކުދިކުދި ގައުމުތަކެވެ.

ފާއިތުވި އަހަރުތަކުގައި އިނގިރޭސި ރަސްކަމުގެ ތާޖުން ގިނަ ގައުމުތަކެއް ވަކިވެ މިނިވަން މުސްތަގިއްލު ޖުމްހޫރިއްޔަތުތަކަށް ބަދަލުވެފައިވެއެވެ. އެންމެފަހުން މިނިވަން މުސްތަގިއްލު ޖުމްހޫރިއްޔަތަކަށް ބަދަލުވެފައިވަނީ ކެރީބިޔަން ސަރަހައްދުގެ ކުޑަ ގައުމެއްކަމަށްވާ ބާބަޑޯސްއެވެ.

ބާބަޑޯސް އިނގިރޭސި ރަސްކަމުގެ ތާޖުން މިނިވަންވެ މުސްތަގިއްލު ޖުމްހޫރިއްޔަތަކަށް ބަދަލުވެފައިވަނީ މިގޮތަށް އެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލެއް އެގައުމުގެ ޕާލަމެންޓުން ފާސްކޮށް ގާނޫނު އަސާސީއަށް ބަދަލު ގެނަސްގެން 2021 ވަނަ އަހަރުއެވެ.