01 Apr 2012, 11:49
ސުލްހައިގެ ވާހަކަތަކަށް ވާނެ ގޮތެއް އެނގޭނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާދާ ގޮތަކުން ކަމަށް މަޝްވަރާތަކުގެ ވިލަރެސްވެރިޔާގެ ސެކްރެޓޭރިއަޓުން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ވާހަކަތަކުގެ ވިލަރެސްވެރިޔާ، އަހުމަދު މުޖުތަބާގެ ސެކްރެޓޭރިއަޓުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނަނީ މަޖިލިސް މިމަހުގެ 19 ވަނަ ދުވަހު ހުޅުވާފައި ވުމުން، އޭގެ ކުރިން ސުލްހަވެރިކަމާއެކު މަޖިލިސް ނުހުޅުވެނީސް ވާހަތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފައިވާ ޕާޓީތަކާއެކު ވިލަރެސް ވެރިޔާ ވާހަތައް ބާއްވަވާފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކުން ބުނެފައިވާ ކަމަށް ބަޔާނުގައި ބުނަނީ މާދަމާގެ ޖަލްސާ ކުރިއަށްދާގޮތަށް ބަލާފައި ނޫނީ މަޝްވަރާތަކަށް އެބުރި އައުމާ މެދު ޖަވާބެއް ދެވެން ނެތް ކަމަށެވެ.
އެ ބަޔާން މެދުވެރިކުރައްވާ މުޖަތަބާ ވިދާޅުވެފައި ވަނީ މާދަމާގެ ޖަލްސާއަށް ފަހު ސިޔާސީ ޕާޓީތަކުގެ ވާހަކަތައް އަލުން ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސިޔާސީ ގޮތުން އުފެދިފައިވާ ހަމަނުޖެހުން ހައްލުކުރުމަށް ސަރުކާރުން އިސް ނަގައިގެން ފެށި ސުލްހައިގެ ވާހަކަތަކުގައި ހުރިހާ ޕާޓީތަކުން ވެސް ބައިވެރިވެ ކުރިއަށް ދިޔަ ނަމަވެސް ވާހަކަތަކަށް ހުއްޓުމެއް އައީ މިދިޔަ މަހުގެ އެއްވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާއަށް އެމްޑީޕީން ހުރަސް އަޅާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމުންނެވެ. އެދުވަހު ޑީއާރްޕީ، ޕީޕީއެމް އަދި އަދާލަތު ޕާޓީން ބުނެފައިވަނީ މަޖިލިސް ހުޅުވުމަށް އެމްޑީޕީން ފުރުސަތު ނުދެނީސް ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ޕީއޭއިން ބުނެފައި ވަނީ ވާހަކަތަކުގައި ބައިވެރިވާނީ އދ. ގެ ރޯލެއް ބާއްވައިގެން ކަމަށެވެ.