ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ދައުރު ހަމަވެއްޖެއެވެ.

ޝާހިދު އެ މަގާމަށް އިންތިހާބުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ މަގާމަށް ޝާހިދު އިންތިޚާބުވީ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި 143 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް އޭނާއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއީ ރަސޫލްއަށް ލިބުނީ 48 ވޯޓެވެ.

އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މަޖިލީހެއްގެ އެހާ އިސްމަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މަގާމާ ހަވާލުވުމުގެ ކުރިން ޝާހިދުވަނީ "އުންމީދުގެ ރިޔާސަތު"ގެ ނަމުގައި ތަސައްވުރެއް އެކުލަވާލައްވާފައެވެ. މި ތަސައްވުރުގައި އެކުލެވިގެން ވަނީ "އުންމީދުގެ ފަސް ދޯދި"ގެ ނަމުން ނަންދީފައިވާ ފަސް ދާއިރާއަކުން ކުރެވޭ މަސައްކަތްތަކެކެވެ. އެ ފަސް ދާއިރާއަކީ:

  • ކޮވިޑް19 އިން އަރައިގަތުން

  • ދެމެހެއްޓެނިވި ގޮތުގައި އާރާސްތުކުރުން
  • ދުނިޔޭގެ ބޭނުންތަކަށް އިޖާބަދިނުން
  • އެންމެންގެ ހައްގުތަކަށް އިހްތިރާމްކުރުން
  • އދ. ރީފޯމްކުރުން

ޝާހިދަށް ފަހު، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ޖޫންމަހު އެ މަގާމަށް އިންތިޚާބުވި ހަންގޭރީގެ ރައީސް އޮފީހުގެ ދެމެހެއްޓެނިވި ތިމާވެއްޓާ ބެހޭ ޑިރެކްޓަރު ސާބާ ކޮރޯސީއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަތުމުން، އޭނާއަށް ފޮރިން މިނިސްޓަރު ކަމާއެކު ދެ މަގާމު އަދާ ނުކުރެވޭނެ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން އަމާޒުވިއެވެ.

ނަމަވެސް ޝާހިދު ވަނީ އޭނާ އދ.ގައި އަދާ ކުރައްވަނީ ވަޒީފާއެެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާއަށް ލިބުނު އިތުރު ހައިސިއްޔަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އާންމު މަޖިލީހުގެ ރައީސަށް ވަކި މުސާރައެއް ނުދޭ ކަމަށާއި އޭނާއަށް ލިބިލައްވާ އާމްދަނީއަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ގޮތުން ލިބިލައްވާ މުސާރައެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.