ސެޕްޓެމްބަރު 16 ގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ ޑޮކިޔުމެންޓަރީ ފިލްމު "ސްޓިލް ވަރކިންގް ނައިންޓު ފައިވް" ގައި ހިމެނުމަށް، ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން މީގެ 40 އަހަރު ކުރިން ރެކޯޑްކޮށްފައިވާ "ނައިން ޓު ފައިވް" އަލުން ރެކޯޑްކުރީ ޑޮލީ އަށް ވުރެ އުމުރުން 36 އަހަރު ހަގު، ޓޯކް ޝޯ ހޯސްޓް އަދި ލަވަކިޔުންތެރިޔާ ކެލީ ކްލާކްސަން އާއެކުއެވެ. މި ލަވަ ރިލީސްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އުމުރުން މިހާރު 76 އަހަރުގެ ޑޮލީ ޕާޓަން ވަނީ 1980 ވަނަ އަހަރު އުފެއްދި ކޮމެޑީ ފިލްމް "ނައިން ޓު ފައިވް" ގައި ޖޭން ފޮންޑާ އާއެކު މުހިއްމު ރޯލެއް އަދާކޮށްފައެވެ. މި ފަހަރުގެ ލަވަ ހިމެނޭ ޑޮކިޔުމެޓަރީ ފިލްމު ހާއްސަ ވަނީ 1980 ގެ ކޮމެޑީ ފިލްމުގެ ސަބަބުން މުޖްތަމައަށް ކުރި އަސަރުގެ މައްޗަށެވެ.

ޑޮލީ ޕާޓަން އަކީ 1967 ވަނަ އަހަރުން ފެށިގެން ކަންޓްރީ މިޔުޒިކްގެ ދުނިޔޭގައި އެމެރިކާގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. މި ރޮނގުން ޑޮލީ ވަނީ އެތައް އެވޯޑެއް ހާސިލްކޮށްފައެވެ. މީގެ އިތުރުން ޑޮލީ ވަނީ ހޮލީވޫޑްގެ އަށް ފިލްމެއް ވެސް ކުޅެފައެވެ.

ކެލީ ކްލާކްސަން އަކީ 2002 ވަނަ އަހަރުގެ އެމެރިކަން އައިޑޮލް ކާމިޔާބުކުރި ލަވަކިޔުންތެރިޔާއެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު އެތައް ލަވައެއް ރިލީސްކޮށްފައެވެ. "ދަ ކެލީ ކްލާކްސަން ޝޯ" އަކި މިހާރު އެމެރިކާގައި އެންމެ މަގުބޫލު އެއް ޓޯކްޝޯއެވެ. އެލެން ޑިޖެނެރެސް ގެ އެލެން ޝޯ ހުއްޓާލުމުން އެ ގަޑިއަށް ކެލީގެ ޝޯ ލުމަށް ވެސް އެންބީސީ އިން ވަނީ ނިންމާފައެވެ.

ދެ ޖީލެއްގެ މަޝްހޫރު ދެ އަޑުން ހުށަހަޅާދީފައިވާ ހިތްގައިމު ލަވަ "ނައިން ޓު ފައިވް" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.