ގައުމުގެ އެސެޓްތައް މީހުންނަށް ބަހާލައި ގައުމުގައި ހަމަނުޖެހުމާއި ހަނގުރާމަ އުފައްދާ ބޭފުޅަކަށް ވެވަޑައި ނުގަންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ލާމު ދަތުރުފުޅުގައި ވެރިރަށް ފޮނަދޫއަށް ވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގައި ތިބި ހުރިހާ ތަޖްރިބާކާރުންނާއި ތަޢުލީމީ ބޭފުޅުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުވުން ކަމަށެވެ.

"ރާއްޖެއަކީ ބައިބައިވެގެން، ކިޔަވައިގެން ތިބި މީހުން އެކިބައިބަޔަށް ބެހިގެން، ތަޖްރިބާ ހުރި މީހުން އެކިބައިބަޔަށް ބެހިގެން، ކުރިއަށް ގެންދެވޭ ވަރަށްވުރެ، މާ ކުޑަކުޑަ ތަނެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިވަގުތަކީ ރާއްޖޭގެ އިގުތިސޯދާއި ސިޔާސީ ކަންކަން ހަމަޖެއްސަން ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް އުނދަގޫ ދުވަސްވަރެއް ކަމަށް ވިޔަސް ގައުމަށް އިޚްލާޞްތެރިވެ އެކަން ރަނގަޅު ކުރެއްވޭނެ ކަމަށެވެ.

"އަމިއްލަ އެދުންތަކާއި، ތިމާގެ އެކުވެރިންނާއި ރަޙްމަތްތެރިންގެ އަމިއްލަ އެދުންތައް އެކަހެރިކޮށް، މުޅި ޤައުމުގެ މަޞްލަޙަތު ކުރިއަށް ޖައްސައިގެން. އެގޮތުން، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ނުވާނަން، މި ޤައުމުގެ އެސެޓްތައް އެކި މީސްމީހުންނަށް ބަހާލާނެ މީހަކަށް. އަޅުގަނޑު ނުވާނަން، މި ޤައުމުގައި ހަމަނުޖެހުމާއި، ސިޔާސީ ހަނގުރާމައެއް އުފައްދާ މީހަކަށް. އަޅުގަނޑު މަސައްކަތް ކުރާނީ، ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގައި ޞުލްޙަ ޤާއިމްކޮށް، ހުރިހާ އެންމެން އެކީގައި މަސައްކަތް ކުރުމަށް،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އަދި ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކޮށް ކަންކަން ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ނިޒާމެއްގައި ވެރިކަން ކުރަން ކޮންމެ ޕާޓީއެއް އޮތް ނަމަވެސް އެހެން ޕާޓީތަކާއެކު ގައި މަސައްކަތް ކުރުމަށް ވިސްނަން ޖެހޭ ކަމަށާއި ހުރިހާ އެންމެންގެ ތެރެއިން، ކަމަށް އެންމެ ޤާބިލު ބޭފުޅުންނަށް ފުރުސަތު ދީގެން ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން، މި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހު މަސައްކަތް ކުރާނީ އެގޮތަށް. ކަންދިމާވި ގޮތުން، މި ޓީމް މަސައްކަތް ކުރަން އޮތީ، ވަރަށް ކުރު މުއްދަތެއް. އެހެން ނަމަވެސް، މި ކުރު މުއްދަތުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަތީޖާ ނެރެދޭން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ނަސީބު ގަދަ ގައުމެއް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެބޮޑު އެއް ރައުސްމާލަކީ ޤުދްރަތީ ރީތިކަން ކަމަށާއި ދުނިޔޭގެ އެއްވެސް ޤައުމަކުން ނުފެންނަފަދަ ރީތި ޤުދްރަތީ ސިފަތަކެއް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

"މި ރާއްޖޭގެ ރީތި ރަށްތަކާއި، ވިލުތަކާއި، ފަރުތަކާ، މިތަންތަނަކީ މިއީ އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިޢުމަތެއް... ރާއްޖޭގެ އާބާދީއަކީ ވަރަށް ތަހުޒީބު، ވަރަށް ރަނގަޅު އަހުލާގެއް ވަރަށް ރަނގަޅު ދިރިއުޅުމެއް އުޅޭ، ހަމަޖެހޭ އާބާދީއެއް. ކިތަންމެ ކުޑަކުޑަ ރަށެއްގައި ނަމަވެސް، އެރަށެއްގައި އުޅޭ އާބާދީއެއް އުޅެނީ ހަމަޖެހިގެން. އަޅުގަނޑުމެންގައި ހުރި ރަނގަޅު އަޚްލާޤީ ސިފަތައް، އަޅުގަނޑުމެންގެ ސާފުތާހިރުކަން، އަޅުގަނޑުމެންގެ ރަށްރަށަށް އަރާ ބިދޭސީން ފާހަގަކުރޭ،" ރައީސް ވިދާޅުވި އެވެ. "މިދެންނެވި ކަންކަން މިހެން ހުރުމާ އެކުގައި، މި ރާއްޖެ ތަރައްގީވެ، ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް އުޅުމަކީ އެއީކީ އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫން. މިއަދުވެސް ރާއްޖޭގެ އާބާދީގެ ބޮލަކަށް، މި އެތެރެވަރީގެ ހުރިހާ ޤައުމުތަކާ ނިސްބަތްކުރާއިރުވެސް، ޖެހޭވަރު ބޮޑު، އެހެން ހުރިހާ ޤައުމުތަކަށްވުރެ،"

ރައީސް ވިދާޅުވީ އެހެން ކަން އޮތް ނަމަވެސް ރާއްޖޭގެ މިއަދުގެ ހާލަތަކީ މުއްސަނދިކަމުގެ ފުރިހަމަ ފައިދާ ލިބޭގޮތަކަށް އޮތް ހާލަތެއް ނޫން ކަމަށާއި އިޤްތިޞާދީ އިޖުތިމާއީ ރައުސްމާލު ކިތަންމެ ބޮޑަސް، ޙާލަތު އޮތީ އެ ނަޞީބު އެންމެންނަށް ލިބޭގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އިޖްތިމާޢީ ރައުސްމާލުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި އޮންނަ ހަމަޖެހުމާއި، ޞުލްޙަވެރިކަމާއި، އެކަކު އަނެކަކަށް އަޅާލުމާ، މިކަންކަމަކީ އިޖްތިމާޢީ ރައުސްމާލުގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއަށް، އަޅުގަނޑުމެންނާ ބީރައްޓެހި ފިކުރުތަކެއް އައިސް، ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެންގޮތް ޤަބޫލުކުރާ ކޮންމެ މީހަކީ އެއީ ތިމާގެ ދުޝްމަނެއް ކަމުގައި ދެކޭކަހަލަ ފިކުރުތަކެއް، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަށަގަނެގެން ފެތުރެމުން އެބަދޭ. އޭގެ ސަބަބުން، ކުރިން މިދެންނެވި ޞުލްޙަމަސަލަސްކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާ، މިކަންކަން މިހިރަ ނިކަމެތިވަމުން މިދަނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހަމަނުޖެހުން އުފެދެމުން މިދަނީ. އޭގެ އަސަރު މިއަދު އަޅުގަނޑުމެންނަށް، ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން މިދަނީ. ރާއްޖޭގެ މުދާތަކަށް، ސަރުކާރުގެ މުދާތަކަށް، އެއްވެސް ވިސްނުމެއްނެތި ގެއްލުންދެމުންދާތަން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެހެން މިވަނީ މިދެންނެވި އިޖްތިމާޢީ ރައުސްމާލު ނިކަމެތިވެގެންދާތީ،" ރައީސް ވިދާޅުވި އެވެ.