12 Sep 2022, 11:12
އިނގިރޭސިންގެ ހިމާޔަތުގައި 79 އަހަރު ރާއްޖެ އޮތްއިރު އެ ހިމާޔަތުގެ ސަބަބުން ދެ ދައުލަތަށްވެސް ފައިދާތަކެއް ވެގެންދިއަ ކަމަށް ހިތަދޫ އުތުރު ދާއިރާ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމާއި ގުޅިގެން ތައުޒިޔާގެ ބަސްފުޅު އިއްވަމުން މެމްބަރު އަސްލަމް ވިދާޅުވީ ރާނީ ވަނީ އުމުރުފުޅުން އެންމެ 26 އަހަރުގައި ތަޚުތާއި ހަވާލުވުމަށްފަހު އަވަހާރަވުމާ ހަމައަށް ވަފާތެރިކަމާއެކު އިނގިރޭސި ދައުލަތަށް އަދި ކޮމަންވެލްތަށް ޚިދުމަތް ކޮށްދެއްވާފައި ކަމަށެވެ.
"ދުނިޔޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަދި ސުލްހަ ގާއިމްކުރުމަށް އެންމެ އިސް ރަމްޒެއްގޮތުގައި ދެމިހުންނެވި، އެކި ސިޔާސަތުތަކުގެ ތަފާތު 15 ބޮޑުވަޒީރުންނާއެކު އިނގިރޭސި ސަރުކާރު ހިންގެވިއިރު ދެބަސްވެވަޑައިނުގެން އިނގިރޭސިވިލާތުގައި ސުލްހަ ދެމެހެއްޓެވި." އަސްލަމް ވިދާޅުވިއެވެ.
މެމްބަރު އަސްލަމް ވިދާޅުވީ އެކަމަނާގެ ރަނިކަމުގައި ދިވެހިރާއްޖެ ހިމެނޭހެން އެތައް ގައުމެއް އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންވުމުގެ ފުރުސަތު ލިބިގެންދިއަ ކަމަށެވެ. އޭގެ ފަހުން ކޮމަންވެލްތް ގާއިމްވެ، ކޮމަންވެލްތާ އިނގިރޭސި ދައުލަތުން އެ ގައުމުތަކަށް، ވަކިން ޚާއްސަކޮށް ދިވެހިރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވަނީ ފޯރު ކޮށްދީފަވާ ކަމަށް މެމްބަރު އަސްލަމް ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ގަވަމެންޓް ހޮސްޕިޓަލް، ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ގާއިމް ކުރެވިގެން ދިޔައީ އިނގިރޭސިންގެ އެހީތެރިކަމާއެކުގައި." މެމްބަރު އަސްލަމް ވިދާޅުވިއެވެ.
ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ބޮޑުހަނގުރާމައިގައި ވެސް އެހެން ގައުމެއްގެ ހިމާޔަތެއް، ނުވަތަ އެހެން ގައުމެއްގަ ބާރުގެ ދަށަށް ރާއްޖެ ނުގޮސް އޮތީ އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތުމުން ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ހއ. ކެލާ އަދި އައްޑުއަތޮޅުގެ ގަމުގައި އިނގިރޭސިން ތިބުމުގެ ސަބަބުން ގުޅިފައިވާ ލަޝްކަރަށް އިންޑިއާ ކަނޑުފަތަހަ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ލިބިގެންދިޔަ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ވިރާސީ ރަސްކަމެއް، ބޯދާކަންމަތީގައި އޮތް ދުވަސްވަރެއްގައި 1932 ވަނަ އަހަރު ގާނޫނު އަސާސީއެއް އުފަންވެގެން ދިއުން ކަމަށެވެ.
"ދެބަސް ނުވެވޭނެ ހަގީގަތަކީ އިނގިރޭސި ދައުލަތުގެ އިންތިހާއަށް އެހީތެރިކަމާއި އަދި ބައެއް ދިރާސާތަކުން ދައްކާގޮތުގައި ނުފޫޒާވެސް އެކުގައިމެ ގާނޫނު އަސާސީއެއް ލިބިގެންދިޔައީ. އެ ގާނޫނު އަސާސީ އުފަންވެގެން ދިއަދިއުމަކީ ދިވެހިރާއްޖޭގެ ހިންގުމަށް އައި އެންމެ ބޮޑު އެއް ބަދަލު." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ 1956 ވަނަ އަހަރު އައްޑުއަތޮޅު ގަން 30 އަހަރުގެ މުއްދަތަށް އިނގިރޭސިންނާ ހަވާލު ކުރުމުގެ އޭގެ ސަބަބުން ދެކުނު ރަށްރަށުގައި ދިރިއުޅެމުންދިޔަ އެތަކެއް ރައްޔިތުންނަށް ވަޒީފާތަކެއް ފަހިވެގެން ދިޔަ ކަމަށެވެ. އަދި ތަމްރީނުގެ އެތައް ޕްރޮގްރާމްތަކެއް ހިންގި، މުޅި އެ ސަރަހައްދަށް އައި ކުރިއެރުމަކީ ގަމުގައި އިނގިރޭސިން ތިބިއިރު އައިސްފައިވާ ކުރިއެރުމެއް ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
ދެކުނުގެ ތިން އަތޮޅުގައި ހިނގައިދިޔަ ވަކިވެގަތުމުގެ ހަރަކާތަށް ނިމުމެއް ގެނަސްދިނުމުގެ އެންމެ ބޮޑު އެއް ބާރުވެރިއަކީ އިނގިރޭސިވިލާތް ކަމަށް ވެސް މެމްބަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އެގޮތަށް ވިދާޅުވިއިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ވަކިވެ ގަތުމުގެ ކަންކަން ފެށުމުގެ އަޑީގައި ތިބީ ވެސް އިނގިރޭސީން ކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވިއެވެ.
އެލިޒަބަތު އަވަހާރަވުމާ ގުޅިގެން މިއަދުގެ މަޖިލީހުގައި ހަމަހިމޭންކަމުގެ ސުކޫތެއްވެސް ވަނީ ގެނަސްފައެވެ. ރާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެސް ވަނީ ރާނީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ ތައުޒިޔާ މެސެޖުގައި ވަނީ ކޮމަންވެލްތުގެ ގައުމުތައް ފަދައިން ރާއްޖެ ވެސް އެ ހިތާމައިގެ ބައިވެރިވާކަމަށެވެ.
އަދި ރާނީގެ ހަޔާތްޕުޅުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ އެ ގައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ 1972 ވަނަ އަހަރުގެ މާޗް 13ވަ ނަ ދުވަހު ރާނީ އެލިޒަބެތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އާ ކުރައްވާފައެވެ.
މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރާއްޖޭގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފައެވެ. ކުރިއަށް އޮތް ތިން ދުވަސް ރާއްޖޭގައި ގައުމީ ހިތާމައިގެ ތިން ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ވެސް ރައީސް ވަނީ ނިންމައިފައެވެ.