ޕާކިސްތާނު ބަލިކޮށް އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސްރީލަންކާއިން ހޯދައިފިއެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމުގައި ކުރިއަށްދިޔަ މިމެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ ކުޅެން އަރައި 20 އޯވަރުތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 170 ލަނޑެވެ. ލަންކާ ޓީމަށް އެންމެގިނަ ލަނޑު ހަދައިދިނީ ބަނޫކާ ރާޖަޕަކްސައެވެ. އޭނާ ވަނީ 71 ލަނޑު ހަދާފައެވެ.

ޕާކިސްތާނު ކުޅެން އަރައި 20 އޯވަރުތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 147 ލަނޑެވެ. ޕާކިސްތާނު ޓީމަށް އެންމެގިނަ ލަނޑު ހަދައިދިނީ މުހައްމަދު ރިޒުވާނެވެ. އޭނާ ވަނީ ނުބައިނުވެ 55 ލަނޑު ހަދާފައެވެ.

މެޗަށްފަހު ލަންކާއަށް އެންމެގިނަ ލަނޑު ހަދައިދިން ބަނޫކާ ރާޖަޕަކްސަ ބުނީ، ޕާކިސްތާނު ޓީމް ކިތަންމެހާވެސް ވަރުގަދަ ކަމަށާއި، ހާއްސަގޮތެއްގައި އެމީހުންގެ އުކުން ފާހަގަކުރެވޭކަމަށެވެ. މޮޅުވީ ހިތްވަރާއެކު ކުރި މަސައްކަތުންކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާން ޓީމުއަތުން ލަންކާ ބަލިވިނަމަވެސް އެޓީމުން ވަނީ ދެން ކުޅުނު ހުރިހާ މެޗްތަކަކުންވެސް މޮޅުވެފައެވެ. އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގައި މިފަހަރު ލަންކާގެ ކޯޗަކީ ކުރިން އިނގިރޭސި ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސިލްވާވުޑެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ސްރީލަންކާ ހޯދުމާއެކު އެޓީމް ވަނީ މިހާތަނަށް މި މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރަށް ހޯދާފައެވެ. މި މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދާފައިވަނީ އިންޑިއާއެވެ.