11 Sep 2022, 23:34
އަށްސަތޭކަ އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވާ، ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ފަށައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު މި މުބާރާތް ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ހަވީރު ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ފައްޓަވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މި އިވެންޓް ފެށުމުގެގޮތުން ދަންމަރު ރޯކޮށްދިނީ، ތިނަދޫއަށް ނިސްބަތްވާ ގައުމީ ޓީމުގެ އެތުލީޓު އިބާދުﷲ އާދަމެވެ.
މިފަހަރުގެ އެތްލެޓިކްސް އިވެންޓްގައި ރާއްޖޭގެ އެކި އަތޮޅުތަކުން 24 ސްކޫލަކުން ބައިވެރިވާއިރު، ޖުމްލަ 832 އެތްލީޓުން އެތްލެޓިކްސްގެ އެކިއެކި އިވެންޓްތަކުގައި ވާދަކުރެއެވެ.
ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 އާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވީ، އެ މުބާރާތް ފުރަތަމަ ގދ. އަތޮޅަށް ހުޅުވާލިނަމަވެސް ތަރުހީބު ބޮޑުކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީކަމަށެވެ.

ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ފެށުމުގެ ތެރެއިން --- ފޮޓޯ/ މާލެސިޓީ ކައުންސިލް
"ގދ. އަތޮޅުންވެސް ދެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކުން މި މުބާރާތުގައި ވާދަކުރޭ. އެންމެ ޚާއްސަކަމަކީ ރާއްޖޭގެ އެހެން އަތޮޅުތަކުން ވެސް މުބާރާތުގައި ވާދަކުރުމަށް އައުން،" ފައިހަތު ވިދާޅުވިއެވެ.
ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ކުރިއަށްގެންދިއުމަށްޓަކައި މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނުގެ އޮފިޝަލުންނާއެކު ޖުމްލަ 35 އޮފިޝަލުން ހަރަކާތްތެރިވެއެވެ. މި މުބާރާތް އިންތިޒާމްކުރަނީ ރައުހަތު ސްޕޯޓްސް ކްލަބުންނެވެ.

ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ފެށުމުގެ ތެރެއިން --- ފޮޓޯ/ މާލެސިޓީ ކައުންސިލް
މިއަދު ހަވީރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވާއިރު، މުބާރާތުގެ ބައެއް އިވެންޓްތައް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ޑިސްކަސް އުކުން، ޖެވެލިން އުކުން، ޝޮޓްޕުޓް، ލޯންގް ޖަމްޕް އަދި ދުވުން ހިމެނެއެވެ.