ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ޚިދުމަތުގެ ދަށުން މާލޭގައި ދުއްވުމަށް އަންނަ މަހު ހަ އިލެކްޓްރިކް ބަސް ގެންނާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިހާރު މަލޭގައި ބޭނުންކުރާ ޑީސެލް މިނީ ބަސްތައް ގެނައީ އިލެކްޓްރިކް ބަސްތައް ގަންނަ އަގުގައި ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

އިލެކްޓްރިކް ބަހުގެ ބަދަލުގައި އެންމެ ފުރަތަމަ ޑީސެލް ބަސް ގެނައީ ޚިދުމަތް އަވަހަށް ފެށުމުގެ ބޭނުން ބޮޑުވެފައިވުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އިލެކްޓްރޯނިކް ބަސް ފެށުމުގެ ކުރިން ޗާޖިން ސްޓޭޝަންތައް ހަދައި މީހުން ޓްރެއިންކޮށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭ. އެހެންވީމަ ވަގުތު ނަގާނެތީ ޑީސެލް ބަހުން ފަށައިގެން ކުރިއަށް މި ގެންދަނީ،" އޭނާ ވިދާޅުވިއެވެ.

އިލެކްޓްރިކް ބަހުގެ ޚިދުމަތް ފުރަތަމަ ފަށާނީ މާލޭގައިކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެއަށްފަހު އަތޮޅުތެރެއަށް އިލެކްޓްރިކް ބަހުގެ ޚިދުމަތް ފުޅާކުރަން ވިސްނާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޑީސެލް ބަހުން މި ފެށީ. ޓައިމް އާ ބަޖެޓް ތަންދިން ވަރަކުން މުޅި އެތި ބަދަލުކުރަމުން ދާނީ،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ނަން ކިލަނބުވާހެން ބައެއް ނޫސްތަކުން ޚަބަރު ފަތުރާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެފަދަ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި ކުންފުނީގެ އަގު ވެއްޓޭކަމަށް އޭނާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވިގޮތުގައި އެމްޓީސީސީ އަކީ ރައްޔިތުންގެ ލަބާޔައި މަންފާއަށް އުފެއްދި ކުންފުންޏެކެވެ. އެހެންކަމުން ރައްޔިތުންގެ ކުންފުންޏަށް ލިބޭ ގެއްލުމަކީ އެކަމުގެ އަސަރު ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ކުންފުންޏަކީ އެގްރީމަންޓުތައް ފޮލޯ ނުކުރާ ކުންފުންޏެއްގެ ގޮތުގައި ލޭބަލް ކުރީމަ ކުންފުނީގެ މުސްތަގުބަލުގަ ލިބެންވާ އެތައް އާމުދަނީއެއް ގެއްލުމަކީ އެކަށީގެންވާކަމެއް،" އާޒިމް ވިދާޅުވިއެެވެ.

މާލޭގައި މިނީބަހުގެ ޚިދުމަތް ފެށުމަށް ޑީސެލް އަޅައިގެން ދުއްވާ 36 ބަސް ގެނައެވެ.

މިނީ ބަހުގެ ޚިދުމަތް މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރު ފަށާނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޚިދުމަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އެއްވެސް އަގަކާ ނުލައި، ހިލޭ ލިބޭނެއެވެ. އޭގެ ފަހުން މިނީ ބަހުގެ ދަތުރަކަށް ނަގަން ނިންމާފައިވަނީ ހަތް ރުފިޔާއެވެ.

އެ މުއްދަތު ހަމަވުމުން ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

މިނީ ބަހުގެ ޚިދުމަތަށް މިހާރު 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ބަހުގައި 20ގޮނޑި ހުންނައިރު އާންމު ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މިނީ ބަސްތަކުގައި ކޮންމެ ބަހެއްގައި 10 މީހުނަށް ކޮޅަށް ތިބެ ދަތުރު ކުރެވޭނެއެވެ.