މީހަކު ބިރުން ފިތްކަނޑައިގެންދާ ފަދަ ގޮތަކަށް ކުޑަ ކުއްޖަކު ކިހިލި ޖަހައިގެން އިން އަންހެނަކު ހުޅުމާލޭގައި ސައިކަލް ދުއްވަމުން ދިޔަ ވީޑިއޯ ކްލިޕެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ރޭ އާއްމުކޮށްފައިވާ ހަ ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ބުރުގަލެއް އަޅައިގެން އިން ހަރު އަންހެނަކު، ވާއަތުން ކުޑަ އަންހެން ކުއްޖަކު ކިހިލި ޖަހައިގެން ހުޅުމާލޭ ދެވަނަ ފޭހުގެ މަގެއް މަތީގައި ސައިކަލް ދުއްވާފައިދާ މަންޒަރެވެ.

އަންހެންމީހާއަކީ އެ ކުޑަކުއްޖާގެ މަންމަ، ނުވަތަ އާއިލާ މީހެއް ކަމެއް ސާފު ނުވިޔަސް ބެލެވޭ ގޮތުގައި ކުއްޖާގެ އުމުރުން ވާނީ އެންމެ ތިން ވަރަކަށް އަހަރެވެ.

ސަލާމަތީ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ ކުއްޖާ ކިލިޖަހައިގެން ވަރަށް ނުފަރިތަ ގޮތަކަށް އަންހެންމީހާ ދުއްވާފައިދާއިރު އަތްވާޅުވެގެން އެ ކުއްޖާ އޮތީ ބިންމައްޗަށް ކިރިޔާވެއްޓޭ ނުވެއްޓޭ ހިސާބުގައި ހެން ވެސް ހީވެއެވެ.

ކައިރިން އެވަގުތު އެހެން ސައިކަލްތައް ދުއްވާފައިދާތީ އަންހެން މިހާގެ އަތުން ދޫވެގެން އެ ކުއްޖާ މަގުމައްޗަށް ވެއްޓުނު ނަމަ ފަހަތުން އަންނަ އެތި ކުއްޖާގެ ގައި މައްޗަށް އަރާ ވަރަށް ހިތާމަވެރި ހާދިސާއެއް މެދުވެރިވުމުގެ ފުރުސަތު އޮތްކަން ވީޑިއޯއިން ފާހަގަ ކުރެވެއެވެ.

މި ކްލިޕަށް ފާޑު ކީ އެންމެން ވެސް ވަނީ އަންހެންމީހާ އަކީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތް މީހެއް ކަމަށް ބުނެ، އެފަދަ މީހަކަށް ކުޑަކުދިން ހަވާލު ނުކުރުމަށް ގޮވާާފައެވެ. އަދި އެމީހާ އަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެއްގެ ގޮތުގަ ވެސް ބައެއް މީހުން ވަނީ ސިފަ ކޮށްފައެވެ.

"ކުޑަކުއްޖާއަށް އަނިޔާއެއް ނުލިބި މާތްﷲގެ އިރާދަފުޅުން ސަލާމަތް ވިޔަސް، އަންހެންމީހާ އެ ވަނީ އިހުމާލުވެފައި. މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ބެލެން ޖެހޭނެ. ކޮބާ ޖެންޑާ މިނިސްޓްރީ؟ ކޮބާ ފުލުހުން؟ ކޮބާ ގައުމުގެ ސިޔާސީ ވެރިން؟،" އެ ނުރައްކާތެރި ދުއްވުމަށް ފާޑު ކިޔަމުން މީހަކު ސުވާލު އުފައްދާފައިވެއެވެ.

"ތުއްތު ކުއްޖާއާ ދޭތެރޭ މި ސައިކަލް ދުއްވާ އަންހެންމީހާގެ އެއްވެސް އިންސާނިއްޔަތުކަމެއް ހުރި ނަމަ އެފަދަ ވިޔާނުދާ، ނުރައްކާ ޢަމަލެއް ނުހިންގީސް،" އިތުރު މީހަކު ބުނެފައިވެއެވެ.

މިފަދަ ނުރައްކާތެރި ގޮތަކަށް ހުޅުމާލޭގައި ކުޑަ ކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދިޔަ އަންހެނަކާ ބެހޭ މައުލޫމާތު ލިބިފައިވޭތޯ ފުލުހުންނާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއެވެ.

އެ ވީޑިއޯއަށް 24ގަޑިއިރުވާން ކައިރިވެފައިވާއިރު އެކަމާބެހޭ ގޮތުން ފުލުހުން ވަކިި އެއްޗެއް ނުބުނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.