11 Sep 2022, 21:17
ފަހަތުން އަރައި މަޔޯކާ ބަލިކޮށް ސްޕެނިޝްލީގް ޕޮއިންޓް ތާވަލްގެ އެއްވަނައިގަ ރެއާލް މެޑްރިޑް ހަމަޖެހިލައިފިއެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު ސެންތިއާގޯ ބާނެބައު ގައި ކުޅުނު މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ތާވަލްގެ 13 ވަނައިގައި އޮތް މަޔޯކާއެވެ. އެއީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓް ތެރޭގައި ވެޑަޓް މުރޫޗީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ލީ ކަންގް ނަގައިދިން ބޯޅަ، ބޮލުން ގޯލްތެރެއަށް މުރޫޗީ ފޮނުވާލީ ރެއާލްގެ ކުޅުންތެރިންނަށް އެއްވެސް ފުރުސަތެއް ނުދީއެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ 47 ވަނަ މިނެޓް ތެރޭގައި ވަލްވެރްދޭއެވެ.
ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި ހާފުގައި މަޔޯކާއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މުރޫޗީއަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މުރޫޗީ ފޮނުވާލި ބާރު ބޯޅަ ރެއާލްގެ ކީޕަރު ކޯޓޮއިސް ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގައި ރެއާލް މެޑްރިޑުން ފުރަތަމަ ފަހަރަށް ލީޑް ނަގާފައިވަނީ 72 ވަނަ މިނެޓް ތެރޭގައެވެ. ރެއާލް މެޑްރިޑަށް ލީޑް ނަގައިދިނީ ބްރެޒިލްގެ ޒުވާން ފޯވަޑް ވިންސިއަސް ޖޫނިއާއެވެ. އޭގެ 14މިނެޓްފަހުން ސިލްވަ ރޮޑްރީގޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް ލީޑް ފުޅާކޮށްދީފައެވެ.
މެޗުގައި ފެނިގެންދިޔަ ރެއާލްގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފަހު ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭއި އެންޓޯނިއޯ ރުޑިގާއެވެ.
މެޗަށްފަހު ސްޕެނިޝްލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގަ އުޅެނީ ރެއާލް މެޑްރިޑެވެ. ތާވަލްގެ ދެވަނައިގަ އުޅޭ ވާދަވެރި ބާސެލޯނާއަށް ލިބިފައިވަނީ ފަސް މެޗުން 13 ޕޮއިންޓެވެ. މެޗުން ބަލިވި މަޔޯކާ އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.