11 Sep 2022, 13:50
ރާއްޖޭގެ މޫސުން ދިރާސާކޮށް، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ވާނެ ގޮތްތައް ދެނެގަތުމަށް ކުރާ ބޮޑު ދިރާސާގެ ތެރެއިން ކަނޑުއަޑިއަށް އެންމެ ފުރަތަމަ ފީނާ ޓީމުގައި ދެ ދިވެހި އަންހެނުން މިއަދު ފީނައިފިއެވެ.
އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ އެ މިޝަންގައި 40 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި 16 ދިވެހިން ހިމެނޭ އިރު، ދިރާސާއަށް ކަނޑުއަޑިއަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން ހިމެނެއެވެ.
އެ މިޝަންގައި ކަނޑުގެ ފުނަށް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ 'ސަބްމާސިބުލް' އުޅަނދަކުން އެންމެ ފުރަތަމަ ފީނި ޓީމުގައި ހިމެނޭ ދެ ދިވެހި އަންހެނުންނަކީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ ނައީމާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗް އެސިސްޓަންޓެއް ކަމުގައިވާ ފަރާހް އަމްޖަދެވެ. އެ ޑައިވްގައި އެ ދެ މީހުންނާއެކު ދެން ބައިވެރިވީ ސަބްމާސިބަލްގެ ޕައިލެޓް ކިމްލީ ޑޯއެވެ.
'އޮމޭގާ ސީމާސްޓާ 2'ގެ ނަން ދީފައިވާ ސަބްމާސިބުލްގައި މިއަދު ލ. އަތޮޅުގެ ކަނޑުއަޑިއަށް ފީނުމުގެ ކުރިން ޝާފިޔާ އާއި ފަރާހް ވަނީ އެ އުޅަނދު ތެރޭގައި ދިވެހި ދިދަ ވިހުރުވާލާފައެވެ.

ނެކްޓަން މިޝަންގައި ބައިވެރިވި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ ނައީމް -- ފޮޓޯ/ ނެކްޓަން
އެއީ ދިވެހިން އެފަދަ ޑައިވެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި ދުނިޔެއިން ވެސް، ހުސް އަންހެނުން ހިމެނޭ ޓީމަކުން ކަނޑުގެ އެފަދަ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ކަނޑުތަކުގެ 30 މީޓަރަށް ވުރެ ފުން ސަރަހައްދުތަކާ ބެހޭ މައުލޫމާތު މަދުވެފައި، އެހާ ފުނުން ނަގާފައިވާ ފޮޓޯއެއްވެސް އަދި ނުހުރެއެވެ. އެހެންކަމުން މި ދިރާސާގައި ބައިވެރިވާ ސައިންސުވެރިންނަށް މުޅިން އާ ތަޖުރިބާތަކެއް ކުރެވޭނެއެވެ.
ލ. އަތޮޅުގައި މިއަދު ފީނާއިރު، މުރަކައާއި ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ކަނޑުގެ އެކި ހިސާބުތަކުން އެ މިޝަންގެ ސައިންސުވެރިން އެއްކުރާނެއެވެ. އެގޮތުން އެ އުޅަނދު 60 މީޓަރަށާއި 120 މީޓަރަށާއި 250 މީޓަރު އަޑިއަށް ވެސް މިއަދު ދާން ހަމަޖެހިފައިވެއެވެ.

ނެކްޓަން މިޝަންގައި ބައިވެރިވި ނެކްޓަން މޯލްޑިވްސްގެ ރިސާޗް އެސިސްޓަންޓް ފަރާހް އަމްޖަދު -- ފޮޓޯ/ ނެކްޓަން
ތިރީސް ފަސް ދުވަހުގެ އެ މިޝަން ކުރިއަށްދާއިރު ސައިންސުވެރިން ތިބެނީ ނެކްޓަންގެ އާރުވީ އޮޑަސީ ބޯޓުގައެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މާލެ ކައިރީގައި އޮތް އެ ބޯޓުގައި ތިބި ބައެއް ސައިންސުވެރިން ވަނީ އޭރު ދިރާސާއަށް ތައްޔާރުވާން ފަށާފައެވެ.
ޝާފިޔާއާއި ފަރާހް އެ ބޯޓަށް އަރާފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ. އެ އަތޮޅުގައި ތިބެ ސައިންސުވެރިން ވަނީ ކަނޑުން ސާމްޕަލް ނެގުމާއި ޑައިވް ޓީމް ފީނަން ފެށުމުގެ ތައްޔާރީތައް ކޮށްފައެވެ.
އެ މިޝަންގެ އެންމެ މުހިންމު ކަމަކީ ރާއްޖެ އޮންނަ، އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1،000 މީޓަރު އަޑިއަށް ފީނައި، އެ ތަންތަން މެޕްކޮށް ޑޮކިއުމެންޓް ކުރުން ކަމަށް ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ލޫސީ ވުޑާލް ވަނީ ވިދާޅުވެފައެވެ.

ނެކްޓަން މިޝަންގައި ފުރަތަމަ ފީނި ތިން އަންހެނުން -- ފޮޓޯ/ ނެކްޓަން
ދުނިޔޭގެ ކަނޑުތަކުގައި 1،000 މީޓަރަށް ވުރެ އުހަށް އުފުލިފައި ހުންނަ ކަނޑުގެ ފަރުބަދަތަކުގެ އަދަދު އެއް ލައްކައަށް އަރާ އިރު އޭގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައި ވަނީ 300 ފަރުބަދައަކުން ކަމަށް ނެކްޓަންއިން ބުނެއެވެ. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި އެގޮތަށް ހުންނަ 34 ފަރުބަދަ ހުންނަ ކަމަށާއި އެއީ ކަނޑުމަސް އާލާވާ މުހިންމު ތަންތަން ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.
އެ ދިރާސާއާ ބެހޭ ގޮތުން މީގެ ކުރިން ޝާފިޔާ ވިދާޅުވީ، މި ޑައިވްތަކުގެ ބޭނުމަކީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ ދިރުންތަކާ ބެހޭގޮތުން އާ މައުލޫމާތު ހޯދުން ކަމަށެވެ. އަދި ފަރާހް ވިދާޅުވެފައި ވަނީ، ދިރާސާގައި ބޭނުންކުރާ ސަބްމާސިބަލް ހަދާފައި ހުންނަނީ ބޭރު ފެންނަ ގޮތައް ކަމަށާއި އެހެންކަމުން އެ އުޅަނދުގައި ތިބެގެން ކަނޑުގެ ދިރުންތައް އޮބްޒާވްކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ.