11 Sep 2022, 13:32
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުސްކޮށް އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓެއްގެ ތެރެއިން މަގުމައްޗަށް އުކާލި އެއްޗިހިތަކަކުން ޖެހި މަގުމަތީގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިއަދު މެންދުރު އެ ހާދިސާ ހިނގާފައިވަނީ ހިޔާގެ ހަތަރު ވަނަ ފްލެޓްގެ 17 ފްލޯއިން މަގުމައްޗަށް އެއްޗެހިތަކެއް އުކާލުމުންނެވެ.
އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުން 17 ވަނަ ފްލޯގެ ބެލްކަނީގައި ހުރި އަންހެނަކު ވަނީ އެތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު މަގުމައްޗަށް އުކާލާފައެވެ. އޭނާ އުކި ތަކެތީގެ ތެރޭގައި ގަސް އިންދާފައި ހުރި ޕޮޓްތަކެއް ވެސް ހިމެނެއެވެ.

ހިޔާ ފްލެޓަކުން މަގުމައްޗަށް އެއްޗެހިތަކެއް އުކާލުމުގެ ސަބަބުން ތިރީގައި ހުރި ތިން ވެހިކަލަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ---
އޭނާ އުކާލި ތަކެތިން ޖެހުމުގެ ސަބަބުން ތިން ވެހިކަލަކަށް ގެއްލުން ވެފައިވާއިރު އެއް ކާރުގެ ވިންޑް ސްކްރީން އެއްކޮށް ތަޅައިގެން ގޮސްފައިވެއެވެ. އަދި ޖެހިގެން އޮތް ޕިކަޕުގެ ވިންޑް ސްކްރީންގެ ބަޔެއް ތަޅައިގެން ގޮސްފައިވާއިރު އިތުރު ޕިކަޕަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

ފްލެޓުން އުކި ތަކެތިން ޖެހި ވެހިކަލްތަކަށް ގެއްލުން ވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެ މައްސަލަ 12:53 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.