ޔުނިވާޝަލް އިންޝުއަރެންސް ސްކީމް، އާސަންދައިގެ ދަށުން މިއަދުން ފެށިގެން އެއްވެސް ޕްރައިވެޓް ކުލިނިކަކުން ހިދުމަތް ނުލިބޭނެ ކަމަށް އާސަންދަ ޕަބްލިކް ލިމިޓެޑުން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖާ އަހުމަދު ޝާބިގް މިއަދު ވިދާޅުވީ އާސަންދައިގެ ދަށުން ހިދުމަތް ދެމުން އައި ދެ ޕްރައިވެޓް ކްލިނިކް ކަމަށްވާ ސެންޓްރަލް ކްލިނިކާއި ސެންޓްރަލް މެޑިކަލް އިން އާސަންދައިގެ ހިދުމަތް މިއަދު ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލީ އެހެން ކުލިނިކްތަކުގެ ހިތްހަމަނުޖެހުން ހުރެގެން ކަމަށާއި ވަރަށް އަވަހަށް ގިނަ ކުލިނިކްތަކަކުން ހިދުމަތް ލިބުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

"އެ ކުލިނިކްތަކަށް އެ ހިދުމަތް ނުދީ، އެދެ ކްލިނިކުން ހިދުމަތް ދޭތީ ވަރަށް ގިނަ ކުލިނިކްތަކުން ކަންބޮޑުވުން ފާޅުކުރައްވާ. އެހެންވެ މިނިސްޓްރީ އާއި އަޅުގަނޑުމެންނާއި މަޝްވަރާކޮށްފައި ނިންމީ މިވަގުތަށް ހިދުމަތް މެދުކަޑާލަން އެދެ ކުލިނިކުން ވެސް،" ޝާބިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް މޭ 15ގެ ކުރިން ގިނަ ކުލިނިކްތަކަކުން އާސަންދައިން ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އެ ހިދުމަތް ހޯދުމަށް އެދި ގިނަ ކުލިނިކްތަކަކުން އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިޔާ އަންނަ މަހުގެ 15 އިގެ ކުރިން ހިދުމަތް ދޭނަން ކުލިނިކްތަކަށް ވެސް. މިހާރު ވެސް ވަރަށް ގިނަ ކުލިނިކްތަކުން އެދިފައި ވަނީ،" ޝާބިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެދެ ކުލިނިކުން އެކަނި އާސަންދައިގެ ހިދުމަތްދެމުން ގެންދިޔައީ އެ ދެ ކުލިނިކުން އެކަނި އޭރު އެދިފައި އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތްދިނުން. ކުރިއަށް އެގޮތަށް ހިދުމަތް ބައްޓަންވެގެން ދާނީ،" ޝާބިގް ވިދާޅުވި އެވެ.

އެންސްޕާއިން ވެސް އަދި ހެލްތް މިނިސްޓްރީންވެސް މީގެ ކުރިން ބުނެފައިވަނީ އެންމެ ދެ ކުލިނިކް އާސަންދަ ލިބޭގޮތަށް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އާސަންދައަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމި އިރު އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމާ މެދު ސަރުކާރުން އަންނަނީ ސުވާލުއުފައްދަމުންނެވެ. މަދަނައަށް ދީފައިވާ ބަޖެޓުގެ ބޭރުން އިތުރަށް ތިން މިލިއަނެއްހާ ރުފިޔާ މަދަނަ ހިންގުމަށް ބޭނުންވެ އެވެ.