11 Sep 2022, 09:08
ކެލިފޯނިއާގައި މި މަހު 09 އިން މިއަދާ ހަމައަށް ކުރިއަށް ގެންދާ ޑީ 23 އެކްސްޕޯގައި ވޯލްޓް ޑިޒްނީ އާއި ޕިކްސާ ސްޓޫޑިއޯޒް އިން މުޅިން އާ ފިލްމުތަކެއްގެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
ޑިޒްނީ ކުންފުނި އުފެއްދި އަހަރު، 1923 އަށް ނިސްބަތްކޮށް ކޮންމެ އަހަރަކުވެސް ކެލިފޯނިއާގައި ކުރިއަށްގެންދާ ޑީ23 އެކްސްޕޯ މި އަހަރު ފަށާފައިވަނީ ކޮވިޑްގެ މެދުކެނޑުމަކަށްފަހުއެވެ. މި އެކްސްޕޯ އަކީ ޑިޒްނީ ކާޓޫންތަކާއި އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ކުރިއަށްގެންދާ ތިން ދުވަހުގެ ޕެނަލް އާއި ޕްރެޒެންޓޭޝަންތައް އަދި ޓްރެއިލާތައް ގެނެސްދޭ އެކްސްޕޯ އެކެވެ. މި އަހަރުގެ އިވެންޓުގައި ޑިޒްނީ ސްޓޫޑިއޯޒްގެ އިތުރުން، ޑިޒްނީ ކުންފުނީގެ ކުޑައިގެ ދަށުން ހިންގާ ޕިކްސާ އެނިމޭޝަން ސްޓޫޑިއޯޒް އިން ވެސް ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ އިވެންޓުގައި މުޅިން އާ ކާޓޫނާއި ފިލްމުތަކެއް އިއުލާންކޮށްފައިވާއިރު ގިނަ އުފެއްދުންތަކަކީ ސީކުއެލް އާއި ކުރިން އުފައްދާފައިވާ ފިލްމެއްގެ ދެވަނަ ބައެވެ. އަދި އޭގެ އިތުރުން ބައެއް އެނިމޭޝަންތައް ލައިވް އެކްޝަންގެ ގޮތުގައި ގެނެސްދޭން ވެސް ނިންމާފައިވެއެވެ. މީގެ އިތުރުން މިހާރު މަސައްކަތް ކުރަމުންދާ ފިލްމުތަކުގެ ޓީޒާ އާއި ފަސްޓް ލުކް ވެސް ވަނީ ދައްކާލާފައެވެ.
'މުފާސާ – ދަ ލަޔަން ކިންގް'
ޑައިރެކްޓަރު ބެރީ ޖެންކިންސް އުފެއްދި ޑިޒްނީގެ އެންމެ ފާހަގަކޮށްލެވޭ އެއް ވިލަން 'މުފާސާ' އަށް ބިނާކޮށް އުފައްދާ މި ފިލްމަކީ 'ލަޔަން ކިންގް' ފިލްމާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައި ދޭނީ މުފާސާގެ ޒުވާން ދުވަސްވަރާއި އޭނާގެ ސަރަހައްދުގެ ރަސްގެފާނުގެ ތަހުތަށް އައި ގޮތެވެ.

'ސްނޯ ވައިޓް' އާއި 'ލިޓްލް މާމެއިޑް'
ޑިޒްނީ ކްލެސިކްސްގެ ގޮތުގައި މަގުބޫލުވި ދެ ކާޓޫނެއްގެ ލައިވް އެކްޝަން ޑީ23 އެކްސްޕޯގައި ވަނީ ދައްލާފައެވެ. ސްނޯވައިޓްގެ ގޮތުގައި ރޭޗަލް ޒެގްލާ ފެނުނު އިރު، ސްނޯވައިޓްގެ ދޮންމަންމަގެ ރޯލު ކުޅޭގޮތަށް ފެނުނީ ވޮންޑަ ވުމަންގެ ރޯލު ކުޅުނު ގާލް ގެޑޮޓްއެވެ. މި ޓީޒާ އޮންލައިންކޮށް އަދި ރިލީޒްނުކުރެއެވެ. އަދި، ލިޓްލް މާމެއިޑްގެ ގޮތުގައި ހޭލް ބެއިލީ ވަނީ ޓީޒާ ޓްރެއިލާއިން ފެނިފައެވެ.
'ހޯކަސް ޕޯކަސް 2'
ޑިޒްނީ+ އަށް މި މަހު ފަހުކޮޅު ގެންނަ މި ފިލްމަކީ ސީކުއެލްއެކެވެ. އޭން ފްލެޗާ ޑައިރެކްޓު ކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހު 30ގައެވެ. މި ފިލްމުގައި މެއިން ކެރެކްޓާތަކުގެ ގޮތުގައި، ބެޓް މިޑްލާ އާއި ސާރާ ޖެސިކާ ޕާކާ އާއި ޑަގް ޖޯންސް ފެނެއެވެ.
'ޑިސްއެންޗާންޓެޑް'
'އެންޗާންޓެޑް' ނެރުނުތާ 15 އަހަރު ފަހުން ޑިސްއެންޗާންޓެޑް ނެރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އެކްސްޕޯގައި ވަނީ އިއުލާންކޮށްފައެވެ. މި ފިލްމު މި އަހަރު ނޮވެމްބަރުގައި ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ.
މި ފިލްމުތަކުގެ އިތުރުން، ޑިޒްނީ+ އިން ދައްކާ ގޮތަށް ބައެއް ސީރީޒްތައްވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން، 'ޒޫޓޯޕިއާ' އާއި 'ޕީޓަރ ޕޭން އެންޑް ވެންޑީ' އާއި 'އިންސައިޑް އައުޓް' ފާހަގަކޮށްލެވެއެވެ. މިއީ އެނިމޭޓެޑް ކާޓޫނުތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒްތަކެކެވެ. ކުޑަކުދިންގެ މެދުގައި މި ކާޓޫނުތައް އަދިވެސް މަގުބޫލެވެ.