ޑިޒްނީ އިން ނެރޭ ދަ ލިޓްލް މާމެއިޑް ކާޓޫނަށް ތައްޔާރުކުރާ ލައިވް އެކްޝަން ފިލްމުގެ ޓްރެއިލާއެއް ދައްކާލައިފިއެވެ.

ވޯލްޓް ޑިޒްނީ އިން ކުރިއަށްގެންދާ ފޭން އިވެންޓް 'ޑީ23'ގައި މި ފިލްމުގެ ޓީޒާ ޓްރެއިލާ އެއް ވަނީ ދައްކާލާފައެވެ. އަންނަ އަހަރު ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމުގެ ޓްރެއިލާގައި ފެންނަނީ ފިލްމުގެ ލީޑް، އޭރިއެލްގެ ރޯލު ކުޅޭ ތަރި ހޭލީ ބެއިލީގެ އަޑުން ކިޔާފައިވާ ތީމް ލަވަ 'ޕާޓް އޮފް ޔޯ ވޯލްޑް'ގެ މަންޒަރެކެވެ.

އެއް މިނެޓާ 20 ސިކުންތުގެ މި ކުރު ޓްރެއިލާ އިން 1989ގައި ނެރުނު އެނިމޭޓެޑް މިއުޒިކަލްގެ އަސްލު ދައްކުވައިދެއެވެ. މާމެއިޑްގެ މަންޒަރެއް ފެންނައިރު، އެކުގައި އުޅޭ ފްލައުންޑާ ވެސް ޓީޒާއިން ފެނެއެވެ.

ބެއިލީ އަކީ މި ފިލްމުގައި ފެނުމުގެ ކުރިންވެސް ސިނަމާއިން އެކި ގޮތްގޮތުން ފެނިފައިވާ ތަރިއެކެވެ. އެގޮތުން 2018 އިން ފަށައިގެން ގްރެމީ އެވޯޑްސްއަށް އެކި ފަހަރުމަތިން ނޮމިނޭޓް ވުމާއި، 'ގްރޯން-އިޝް' ސިޓް ކޮމް އިންވެސް ވަނީ އައުޓްސްޓޭންޑިން އެކްޓްރެސްއެއްގެ ގޮތުގައި ނޮމިނޭޓްވެފައެވެ.

ރޮބް މާޝަލް ޑައިރެކްޓުކުރާ ލައިވް އެކްޝަން މިއުޒިކަލް ފެންޓަސީ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު މެއި 26ގައެވެ.