އޭޑީކޭ ހޮސްޕިޓަލަށް އެމްއާރްއައިގެ އެންމެ ފަހުގެ ބާވަތް ކަމުގައިވާ 3 ޓެސްލާ އެމްއާރްއައި މެޝިނެއް ގެނެސްފިއެވެ.

ތިން މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު މި މެޝިން އެއާޕޯޓުން ހޮސްޕިޓަލަށް ގެންދިއުމަށް 13 ގަޑިއިރަށްވުރެ، ގިނަ ވަގުތު ހޭދަވި ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން"އަށް މިރޭ ވިދާޅުވީ މިއީ ރާއްޖެއަށް ގެނައި މި ފެންވަރުގެ ފުރަތަމަ އެމްއާރްއައި މެޝިން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަަލަށް އަލަށް ގެނައި އެމްއާރްއައި މެޝީން އުފުލުމުގެ ތެރެއިން --- ފޮޓޯ/ އޭޑީކޭ ނާޝިދު

"އެހެން މެޝިން ތަކަށް ވުރެ ސާފު އިމޭޖްތަކެއް މި މެޝިނުން ނެގޭނެ އަދި ސްކޭން ކުރުމަށް ނަގާ ވަގުތު ކުޑަވާނެ،" އައްފާލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްއާރްއައި ނެގުމަށް ފަސްޖެހޭ ބަލިމީހުންނަށް ހޭނައްތައިގެން ނުވަތަ ސެޑޭޝަން އާއެކު، މި މެޝިނުން އެމްއާރްއައި ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އެމްއާރްއައި މެޝިނުން ތިން ޓެސްލާގެ ބާރުހުރި މެގްނެޓިކް ފީލްޑެއް އުފައްދައެވެ. މިއީ އާންމުކޮށް ބޭނުންކުރާ ހައި-ފީލްޑް އެމްއާރްއައި މެޝިންތަކަށް ވުރެ ދެ ގުނަ ބާރުގަދަ، އަދި ލޯ-ފީލްޑް ނުވަތަ އޯޕަން އެމްއާރްއައި މެޝިންތަކަށް ވުރެ 15 ގުނަ ބާރުގަދަ މެޝިނެކެވެ.

އޭޑީކޭއިން ބުނީ މި މެޝިނާއެކު ރާއްޖޭގެ ސިއްހީ ފަރުވާގެ ދާއިރާ އިތުރު ހަރުފަތަކަށް ތަރައްގީވެ، ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.