ގަތަރާއެކު ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު 4-1 އިން ގަތަރު ކާމިޔާބުކޮށްފި އެވެ.
ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ އިސްމާއީލް އަނިލްގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމުން މި މެޗުގައި ގޯލު ޖެހީ ޝިޔާނާ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގަތަރުން ރާއްޖެ ކޮޅަށް ޖަހާފައިވަނީ އެންމެ ގޯލެކެވެ.

މި މެޗަށް ފަހު ބަހުރޭނާއެކު ގައުމީ ޓީމު މެޗެއް ކުޅެން އެފް.އޭ.އެމުން ތައްޔާރުވަމުން އެބަދެ އެވެ. އަދި ގަތަރާއެކު ގައުމީ ޓީމު ނެރުނު ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫން ކަމަށް އެފް.އޭ.އެމުން ވަނީ މިއަދު ބުނެފަ އެވެ.
މި މެޗަށް ފަހު ޓީމު މާލެ އަންނާނީ މިރޭގެ ވަގުތެއްގަ އެވެ. ފީފާ އަންހެން ވޯލްޑް ރޭންކިންގައި ގަތަރު އޮތީ 135ވަނާގަ އެވެ. ރާއްޖެ އޮތީ 123ވަނާގަ އެވެ. ނަމަވެސް ވަސީލަތްތަކާއި މެޗުތައް ކުޅެން ލިބޭ ފުރުސަތުތަކަށް ބަލާއިރު ރާއްޖެ އުޅެނީ މާފަހަތުގަ އެވެ.