10 Sep 2022, 22:16
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މަޝްރޫއުގެ ދަށުން ގާއިމުކުރާ ހައި ސްޕީޑް ފެރީގެ ނިޒާމަށް އިތުރަށް ބޭނުންވާ 65 ލޯންޗު ބަންނަން ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ ވަރަށް އަވަހަށް އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށޭނެ ކަމަށެވެ.
"އާންމުކޮށް އަޅުގަނޑުމެން ބޭނުންކުރާ އުޅަނދުތަކަށް ވުރެ ތިންގުނަ ބާރަށް މި ލޯންޗުތައް ދުވާނެ. އެންމެ މަޑު ވެގެން ވެސް ގަޑިއަކު 30 ނޮޓުގެ ސްޕީޑް ހުންނާނެ،" އާޒިމް ވިދާޅުވިއެވެ.
އާރްޓީއެލްގައި މިހާރު ބޭނުންކުރަމުން އަންނަނީ ގަލްފް ކްރާފްޓުން ބަންނަ، 50 މީހުންގެ ޖާގައިގެ ފެރީ ލޯންޗެވެ.
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލުމަށް ކުރިއަށް ގެންދާ އާރްޓީއެލް މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ އެންމެ އުތުރުގެ ތިން އަތޮޅު، ހއ، ހދ، ށ ގައި ފެރީގެ ނިޒާމު ފަށާފައެވެ. މީގެ އިތުރުން، އިތުރު ފަސް ސަރަހައްދަކަށް ބަހާލައިގެން އެ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.