ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލަށް ކެސްޕާ ރޫޑް އާއި ކާލޯސް އަލްކަރާޒް ދަތުރުކޮށްފިއެވެ.

ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލުގެ ޖާގައެއް ނޯވޭގެ ކެސްޕާ ރޫޑް ހޯދާފައިވަނީ ސެމީފައިނަލުގައި ރަޝިއާގެ ކޭރެން ކަޗަނޯވް އާ ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފޯރިގަދަ ވެގެންގޮސްފައިވަނީ ފުރަތަމަ ސެޓެވެ. ފުރަތަމަ ސެޓް ރޫޑް ކާމިޔާބުކުރީ، 6-7 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ސެޓް ވަރަށް ފަސޭހަކަމާއެކު 2-6 ގެ ނަތީޖާއަކުން ރޫޑް ގެންދިޔައިރު، ކޭރެން ކަޗަނޯވް ވަނީ މެޗުގެ ތިންވަނަ ސެޓް 7-5 ގެ ނަތީޖާއަކުން ގެންގޮސްފައެވެ. މެޗުގެ އެންމެ ފަހުސެޓް ރޫޑް ގެންގޮސްފައިވަނީ 2-6 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރޫޑް ބުނީ، ފުރަތަމަ ސެޓަކީ ނޭވާ ހިފަހައްޓާލަންޖެހުނު ސެޓެއް ކަމަށާއި، އެސެޓް ކާމިޔާބުކުރުމުން މެޗުގައި ކުރިއަށްދިއުމަށް ވަރަށްބޮޑަށް ފަސޭހަވެގެންދިޔަކަމަށެވެ.

ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓްގެ ފައިނަލުގެ ޖާގައެއް ޒުވާން ޓެނިސް ކުޅުންތެރިޔާ، ސްޕެއިންގެ އަލްކަރާޒް ހޯދާފައިވަނީ ސެމީފައިނަލުގައި އެމެރިކާގެ ފްރެންސިސް ޓިއާފޯ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް އަލްކަރާޒް ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

އުމުރުން 19 އަހަރުގެ އަލްކަރާޒް މި މެޗު ކާމިޔާބު ކުރުމާއެކު އޭނާ ވެފައިވަނީ، ސްޕެއިންގެ ރަފައެލް ނަޑާލް ނަގާފައި، ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގެ ޖާގައެއް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ފްރެންޗު އޯޕަން މުބާރާތުގެ ފައިނަލުގެ ޖާގައެއް 2005 ވަނަ އަހަރު ނަޑާލް ހޯދިއިރު އޭނާގެ އުމުރަކީ ވެސް 19 އަހަރެވެ.

މެޗަށްފަހު އީއެސްޕީއެނަށް ދިން އިންޓަވިއުއެއްގައި ޓިއާފޯ ބުނީ، ކާލޯސް އަލްކަރާޒަކީ މި މުބާރާތް ކާމިޔާބުކުރާނޭކަމަށް އޭނާ އެންމެ އުއްމީދުކުރާ ކުޅުންތެރިޔާކަމަށެވެ.

"އަލްކަރާޒް މާބޮޑަށް ވެސް މޮޅު. އޭނާއަކީ އުއްމީދީ ކުޅުންތެރިއެއް. މެޗުން މޮޅުވުމަށް އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއްކުރިން. އަދި އެއްދުވަހަކުން މިތަނަށް އައިސް މި މުބާރާތް ކާމިޔާބުކުރާނަން. ބަލިވީތީވެ، ދެރަވޭ. ސަޕޯޓަރުންގެ ކިބައިން މައާފަށްއެދެން،" ޓިއާފޯ ބުންޏެވެ.

ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓްގެ ފައިނަލް އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.