10 Sep 2022, 23:11
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މިހާތަނަށް އެންމެ ގިނަ މެމްބަރުން އެއްފަހަރާ ސޮއި ކުރީ އައްޑޫ ސިޓީން ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.
އެމްޑީއޭގެ އައްޑޫ ސިޓީ ފޯކަލް ޓީމްގެ ބެލުމުގެ ދަށުން އެ ސިޓީން އެމްޑީއޭ އާ އަލަށް ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމުތައް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ. އެއީ އެހާ ވަރަށް ގިނަ ފޯމް ސިޔާމާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.

އެމްޑީއޭ އައްޑޫ ފޯކަލް ޓީމްގެ ފަރާތުން އަލަށް ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމްތައް، ޕާޓީގެ ރައީސް އަހްމަދު ސިޔާމާ ހަވާލު ކުރެއްވުން --
އެމްޑީއޭގެ ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ކައުންސިލުގެ ނައިބު ރައީސް ޝުއައިބް އަލީ "ސަން"އަށް ވިދާޅުވީ މި ފޯމްތަކުގެ އިތުރުން ރ. އަތޮޅުން އެތައް ސަތޭކަ ފޯމާއި ނ. އަތޮޅުން ލިބިފައިހުރި ގިނަ އަދަދެއްގެ ފޯމު ވެސް ޕްރޮސެސް ކުރުމުގެ މަރުހަލާގައިވާ ކަމަށެވެ.
ޝުއައިބް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯމް ފުރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގައި ޚާއްސަކޮށް ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފާއި ޕާޓީގެ ކައުންސިލް މެމްބަރު ހުސައިން ސާލިމް މުޙައްމަދާއި ޕާޓީގެ އަނެއް ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ، ވަރަށް އިސްކޮށް އުޅުއްވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.
މި ތިން ބޭފުޅުންގެ އިތުރުން އެމްޑީއޭގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވެސް ޕާޓީއަށް ފޯމް ފުރުވުމުގެ މަސައްކަތް އަތޮޅުތެރޭގައި އެބަ ކުރިއަށް ގެންދަވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ އުއްމީދީ ޕާޓީއެއްގެ ގޮތުގައި ރާއްޖޭގެ ވުޖޫދުގައި ސިޔާސީ ހަރަކާތް އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެ ޕާޓީއަކީ އެމްޑީއޭއަށް ހެދުން. އެކަން މިހާރު މީޑިއާތަކުންނާއި ރާއްޖޭގެ ރައްޔިތުން ގަބޫލު ކޮށްފި،" ޝުއައިބު ވިދާޅުވިއެވެ.
"މުސްތަގުބަލުގެ އުއްމީދީ ޕާޓީއަކީ އަދި ތަރައްގީގެ ޕާޓީއަކީ އަދި ރާއްޖެ ތަރައްގީ ކުރުމަށް އުފައްދާފައި އޮތް ޕާޓީއަކީ އަދި ވެސް އެމްޑީއޭ. ނަމުން ވެސް އެކަން އެނގޭނެ،"
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެފައި ވަނީ 2023ގެ ރިޔާސީ އިންތިޚާބު ކޯލިޝަނަކާ ނުލާ ވެސް އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
އެމްޑީއޭގެ ވެރިކަމެއްގައި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.