އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ގެއަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ މާލީ ރައްކާތެރިކަމަކީ ފަޔާ އިންޝުއަރަންސެވެ. މީގެ އިތުރުން އެހެނިހެން ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ވެސް ފަޔަރ ޕޮލިސީއެއްގެ ދަށުން ރައްކާތެރިކަން ލިބޭނެއެވެ. އިންޝުއަރަންސްގެ މާހިރުން ބުނާ ގޮތުގައި މިފަދަ ޕޮލިސީއެއް ނަގާ އިރު އެންމެ ފައިދާކުރަނިވި ގޮތް ބެލުން ވަރަށް މުހިންމެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 670 އަލިފާނުގެ ހާދިސާ ހިނގާފައި ވެއެވެ. މީގެ ތެރެއިން ގޭބިސީތަކުގައި އެންމެ ގިނައީ ކައްކާ އުނދުން ނިވާލަން ހަނދާން ނެތުން ފަދަ ކަންކަން ހިމެނޭހެން، ބަދިގެ ތެރޭގައި ހިނގާ ހާދިސާތަކެވެ. މީގެ އިތުރުން ނުބައިކޮށް ކަރަންޓު ވަޔަރުކުރެވިފައި ހުރުމާއި ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް ނޭޅުމާއި ބެލްކަނީ ނުވަތަ ކުޑަދޮރުން ބޭރަށް ސިނގިރޭޓު ފިލިޓަރު އުކާލުން ފަދަ ކަންކަމުން ވެސް އަލިފާނުގެ ހާދިސާ ހިނގާފައި ހުރެއެވެ.

ފަޔާ އެންޑް ރެސްކިއު ހިދުމަތްތަކުން ބުނާ ގޮތުގައި، އަލިފާނުގެ ހާދިސާތަކަށް އިޖާބަ ދޭނެ ގޮތް އެނގޭ މީހުން އަހަރެމެންގެ ތެރޭގައި މަދެވެ. މިސާލަކަށް، ކައްކާ ތެލި ފަދަ ތަކެތީގައި އަލިފާން ހިފުމުން ފެން ޖެހުން ފަދަ ކަންކަން ކުރެވެއެވެ. މީގެ ބަދަލުގައި ތެލީގެ މަތި ޖަހާލުމުން އަލިފާންގަނޑު މައިތިރިވާނެއެވެ. އެފަދަ ހާލަތެއްގައި ކުރެވިދާނެ އެހެން ކަމަކީ ފަޔަރ އެކްސްޓިންގުއިޝާއެއް ބޭނުންކުރުމެވެ. އެހެންކަމުން އަލިފާން ނިއްވަން ގެންގުޅޭ މިފަދަ އާލާތްތައް ބަދިގެ ފަދަ އަލިފާން ގެންގުޅޭ ތަންތަނުގައި އިންސްޓޯލްކޮށްފައި ބަހައްޓާ އަދި އެތަކެތި ބޭނުންކުރާނެ ގޮތް ދަސްކުރުން ބޭނުންތެރިއެވެ. އަދި ފަޔަރ އެންޑް ރެސްކިއުގެ ހޮޓްލައިން "118" ފެންނަ ތަނެއްގައި ޖަހާފައި ބެހެއްޓުން ވެސް ބުއްދިވެރިއެވެ.

ފަޔާ އިންޝުއަރަންސް މުހިންމީ ކީއްވެ؟

މާލެއަކީ އެއް އިމާރާތާ ޖެހިގެން އަނެއް އިމާރާތް ހަދާފައި ހުންނަ ތޮއްޖެހިފައިވާ ސިޓީއެކެވެ. އެއް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޖެހިގެން ހުންނަ އިމާރާތްތަކަށް ހުޅުގަނޑު އިސާހިތަކު ފެތުރިގަނެ އެތައް ބައެއްގެ ގެދޮރާއި މުދަލަށް ގެއްލުން ލިބިދާނެއެވެ. ދެހާސް ނަވާރަ ވަނަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ އޭގެ އެއް މިސާލެވެ.

މާލޭގައި ގިނަ ބިންވެރިން ގެދޮރު އިމާރާތްކުރަނީ ބޭންކް ލޯނެއް ނަގައިގެން ނުވަތަ ކޮންސްޓްރަކްޝަން ކުންފުންޏާ އެގްރިމެންޓު ހަދައިގެންނެވެ. ލޯނެއް ނަގާ ނަމަ، އިމާރާތް އިންޝުއާކުރުމަކީ ލާޒިމުކަމެކެވެ. އެކަމަކު ގިނަ ފަހަރަށް އަހަރެމެންނަށް ދެވެނީ އިމާރާތުގެ ފުރިހަމަ އަގު ވެސް ކަވަރު ނުވާ އަދި ބޭސިކް ފަޔަރ އިންޝުއަރަންސް ޕޮލިސީއެއް ހިމެނޭ "އަގުހެޔޮ އޮޕްޝަން"އަށެވެ. އަދި އިމާރާތަށް ނެގި ލޯނު އަނބުރާ ދެއްކުމަށް ފަހު ގިނަ ފަހަރަށް އިންޝުއަރަންސް ޕޮލިސީ ރިނިއު ކުރުމަކައިގެން ވެސް ނޫޅެވެއެވެ. މި ހާލަތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ގެދޮރާއި މުދާ އެއްކޮށް އަނދާ ހުލިވުމުން ވެސް އެ ގެއްލުމުގެ މާލީ ބަދަލު ލިބޭނެ ގޮތެއް ނޯންނާނެއެވެ.

ބައެއް ފަހަރު އަލިފާނުގެ ހާދިސާއެއްގައި ހުޅުގަނޑު ނުފެތުރުނު ނަމަވެސް، ދުމާއި ހޫނުގެ ސަބަބުން ވެސް އިމާރާތަށް ގެއްލުން ލިބިދާނެއެވެ. ރަނގަޅު ފަޔަރ އިންޝުއަރަންސް ޕޮލިސީއަކުން މިފަދަ ގެއްލުންތަކުގެ ބަދަލު ލިބޭނެއެވެ. އެހެންކަމުން ފަޔަރ ޕޮލިސީ ރިނިއުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފަޔާ ޕޮލިސީން ލިބޭ ފައިދާއަކީ ކޮބާ؟

ނަމުގައި ހަމައެކަނި "ފަޔަރ" އައި ނަމަވެސް މި ޕޮލިސީއަކީ އަލިފާނުގެ އިތުރުން ހޮނު އެޅުމާއި އެއްޗެއް ގޮވުން ފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ވެސް ބަދަލު ލިއްބައިދޭ ޕޮލިސީއެކެވެ. މީގެ އިތުރުން މުޒާހަރާއެއްގެ ސަބަބުން ނުވަތަ ގަސްތުގައި ބަޔަކު ދޭ ގެއްލުމަކުން ލިބޭ ގެއްލުންތައް ވެސް ކަވަރުކޮށްދެއެވެ. ބާރު ސްޕީޑުގައި އުޅަނދު ދުއްވުމުގެ ސަބަބުން އެކްސިޑެންޓު ހިނގުން އާންމު މާލެ ސިޓީގައި، ވެހިކަލްތަކުން ޖެހިގެން ވެސް އިމާރާތްތަކަށް ގެއްލުން ލިބިފައި އެބަ ހުއްޓެވެ. އެލައިޑް އިންޝުއަރަންސްގެ ފަޔަރ އިންޝުއަރަންސް ޕޮލިސީއިން މިފަދަ ގެއްލުންތަކުގެ ބަދަލު ވެސް ލިބޭނެއެވެ.

މީގެ އިތުރުން ތޫފާންތަކާއި ފެންބޮޑުވުމާއި އަދި ވައްކަން ކޮށްގެން އިމާރާތަށް ލިބޭ ގެއްލުމާއި އިމާރާތުގެ ފެންވައިރުކޮށްފައި ހުންނަ ހޮޅި ފަޅައިގެންގޮސްގެން އިމާރާތަށް ލިބޭ ގެއްލުންތަކުގެ ބަދަލު ވެސް މި ޕޮލިސީން ލިބޭނެއެވެ.

ކުލި ލިބުން ހުއްޓުނީތަ? ހާސްނުވޭ!

އިމާރާތްތަކުގައި ދިރިއުޅޭ ފަރާތަށް ދައްކާ ކުލީގެ އާމްދަނީއަށް ބަރޯސާވާ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ބިރަކީ އިމާރާތަށް ގެއްލުމެއް ލިބި އާމްދަނީއަށް އަސަރުކުރުމެވެ. އިމާރާތުގެ ވެރިޔާއަށް އެންމެ އެކަށޭނަ ފަޔަރ ޕޮލިސީއެއް ނަގައިފި ނަމަ، މިފަދަ ހާދިސާއެއް ހިނގައި އާމްދަނީއަށް އަސަރުކޮށްފި ނަމަ އެކަމުގެ ބަދަލު ވެސް ލިބޭނެއެވެ. ގެއްލޭ ކުލި އިންޝުއަރަންސް ކުންފުނިން ހަމަޖައްސައިދީ އަދި ބޯހިޔާވަހިކަން ގެއްލޭ ޓެނަންޓުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސައިދޭނެއެވެ. ފަޔަރ ޕޮލިސީ ނަގާއިރު މި ދެ ކަންތައް ޕޮލިސީއަށް އިތުރުކޮށްލުމުން އެކަން ހަމަޖެހުނީއެވެ.

ކުއްޔަށް އުޅޭ ފަރާތްތަކުގެ މުދަލޯ؟

މިފަދަ ހާދިސާއެއް ހިނގައިގެން އިމާރާތުގައި ދިރިއުޅޭ ފަރާތެއްގެ މުދަލަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނެ ގޮތެއް ވެސް އޮވެއެވެ. އިމާރާތުގެ ވެރިފަރާތުން ނަގާ އިންޝުއަރަންސް ޕޮލިސީއަކުން އެފަރާތްތަކުގެ އަގުބޮޑު މުދާ ކަވަރެއް ނުވާނެއެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގެ އިންޝުއަރަންސް މާކެޓުގައި ވަކިން ގަނެލެވޭ އިސްލާމިކް އިންޝުއަރަންސް ޕޮލިސީއަކުން ދިރިއުޅޭ ޔުނިޓުގައި ހުންނަ ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު އިންޝުއާ ކުރެވޭނެއެވެ. ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނެއް ނަގައިގެން އަހަރަކު އެންމެ 200 ރުފިޔާ ދައްކައިގެން 200,000 ރުފިޔާއާ ހަމައަށް ގޭތެރޭގެ މުދަލަށް ރައްކާތެރިކަން ހޯދޭނެއެވެ.

މާލެ ފަދަ ބައިބޯ ސިޓީއެއްގައި އެކިއެކި ހާދިސާތައް ކުއްލިއަކަށް ހިނގުމަކީ ނާދިރުކަމެއް ނޫނެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިއާލާ ފިޔަވަޅު އެޅުން ކަން ޔަގީނެވެ. މިފަދަ ރައްކާތެރިކަން ހޯދުމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިންޝުއަރަންސްގެ އެކްސްޕާޓުން ތިބީ 24 ގަޑިއިރު ތައްޔާރަށެވެ. އެލައިޑްގެ ހޮޓްލައިން 1600 އަށް ގުޅާލައިގެން ކުރިއަށް ގެންދަވާށެވެ.