ފަހަކަށް އައިސް އަނިޔާގެ ވާހަކަ އަކީ އެންމެ އަޑު ގަދަ އެއް ވާހަކަ އެވެ. އެމްޑީޕީ އިން ގޮވާލާ އަޑަކީ ފުލުހުންނާއި ސިފައިން ބެލުމެއް ނެތި އާންމުންނަށް އަނިޔާކުރާ ވާހަކަ އެވެ. އޭގެ އަނެއް ފަރާތުން އިވެނީ އެއާ ދިމާއިދިކޮޅަށެވެ. ފުލުހުންނާ އަދި ވެރިކަން ކުރާ އިއްތިހާދުގެ ޕާޓީތަކުގެ އަޑަކީ އާންމުން ފުލުހުންނަށް ހަމަލާދީ އަނިޔާކުރާ ވާހަކަ އެވެ. ކޮންމެ ބަޔަކު ވެސް އެ ބަޔަކު ދިފާއުކޮށް ވާހަކަ ދައްކައި ހެއްކާއި ގަރީނާ ދައްކަ އެވެ.

"ފުލުހުންނަށް އެކި ކަންކަމުގައި ދޮގު އެއްވެސް ހަގީގަތެއް ނެތި އެކި ކަންކަމުގައި ފުލުހުން ބަދުނާމު ކުރުމުގެ ނަމުގައި ވެސް ބައެއް ފަރާތްތަކުން ތުހުމަތު އެބަކުރޭ ކަންކަމުގައި. އެކަން ފެންނަން އެބަހުރި. އެ ކުރާ ބައެއް ތުހުމަތުތަކުގެ ހަގީގަތް ބެލީމަ ވެސް އެކަން އެނގިގެންދާނެ، އޭގައި ޝައްކެއްނެތް އެއީ ރާއްޖޭގައި ވެސް ރާއްޖެ އިން ބޭރުގައި ވެސް ފުލުހުން ބަދުނާމު ކުރުމަށް ކެނޑިނޭޅި ކުރާ ބަޔަކު ކުރާ މަސައްކަތެއް،" ފުލުހުން އަނިޔާކުރާ ކަމަށް ކުރާ ތުހުމަތުތަކަށްރައްދުދެއްވާ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

ކޮމިޝަނާ އެގޮތަށް ވިދާޅުވިޔަސް އެމްޑީޕީން ފުލުހުންގެ މައްޗަށް ދެތިން ކަމަށް ތުހުމަތުކުރެ އެވެ. މުޒާހަރާގައި ހައްޔަރުކުރާ އަންހެނުންނަށާއި އާންމުންނަށް އެކި ވަރުގެ އަނިޔާކޮށް މުޒާހަރާތައް ރޫޅާލުމާއި އެމްޑީޕީގެ މެންބަރުންނަށް ހާއްސަކޮށްގެން އެކި އެކި އަނިޔާތައްދޭ މައްސަލަ އެވެ. އެކަމަށް ބާރުލިބޭ ބައެއް ފޮޓޯ އާއި ވީޑިއޯ ސޯޝަލް ނެޓްވޯކްތަކުގައި އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ޕޯސްޓްކުރަމުންނެވެ.

"ބައެއް ގޭގެއަށް ފުރަތަމަ ޕެޕާސްޕްރޭ ޖަހާފައި ވަދެ ތަޅާފައި ހައްޔަރުކޮށްފައި އެބަހުރި. އެއް ބައިމީހުން ހައްޔަރުކުރުމުގެ ވަގުތުގައި ޕެޕާސްޕްރޭ ލޮލަށް ޖަހާފައި ހުރިހާ އެއްޗެއް ބާލާފައި ބަރަހަނާ ކޮށްފައި ގައިގެ އެކި ގުނަންތަކަށް ޕެޕާސްޕްރޭކޮށްފައި އެބަހުރި. ފުލުހުންގެ ތެރެއިން އެންމެން އަނިޔާވެރިވި ވާހަކައެއް ނޫން،" ފެބުރުއަރީ އަށެއްގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން އައްޑޫގައި ހަރަކާތްތެރިވި ގޮތާ ގުޅޭ ގޮތުން އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި އެވެ.

ފެބުރުއަރީ ހަތެއް، އަށެއް، މާޗު އެކެއް އަދި މާޗް 19 ވަނަ ދުވަހަކީ ލާއިންސާނީ އަނިޔާތައް ފުލުހުންނަށް ވެސް އަދި ފުލުހުންގެ ކިބައިން އާންމުންނަށް ވެސް ލިބިގެން ގޮސްފައިވާ ދުވަސްތައް ކަމަށް ވެއެވެ. ވެރިކަން ވެއްޓި، މިވީ ދުވަސްތަކުގައި ވިއްސަށް ވުރެ ގިނަ ފުލުހުންނަށް އެކި ވަރުގެ އަނިޔާތައްވެފައި އެބަހުއްޓެވެ. މުޒާހަރާތަށް ރޫޅާލުމުގެ ތެރޭގަ އާއި އެހެނިހެން ގޮތްގޮތުން އަނިޔާވި އާންމުންގެ އަދަދުވެސް އުޅެނީ 30 އިން މަތީގަ އެވެ.

"އެމްޑީޕީގެ މެންބަރުންގެ ބޯފެޅި އަތް ފައި ބިނދި މިކަހަލަ އަނިޔާތައް ލިބިފައި އެބަހުރި. އަދި ހައްޔަރުކުރި ބައެއް އަންހެނުންނަށް އެބަހުރި ޖިންސީ ގޯނާ ނޫނީ އަނިޔާކުރި ކަމަށްވެސް ޝަކުވާލިބިފައި،" އެމްޑީޕީގެ އަންހެނުންގެ މުޒާހަރާތަށް އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ އެމްޑީޕީގެ އަންހެން އެކްޓިވިސްޓަކު ބުންޏެވެ. "ހަމަގައިމު އަޅުގަނޑުމެން ޕާޓީން ފުލުހުންނާ ދެކޮޅަށް މާރާ މާރީ ހިންގާ އެކަހަލަ ކަންތައްތައް ސްޕޮންސާއެއް ނުކުރަން. އެކަން އެގޮތަކަށް ނުވެސް ކުރާނެ. މިޕާޓީން ހިތްވަރެއް ނުވެސް ދެން،" ޕާޓީގެ އޮފިޝަލަކަ ވިދާޅުވި އެވެ.

ކޮންމެ ކޮޅަކުވެސް އިވެނީ އަނިޔާގެ އަޑުތަކެވެ. ކޮންމެ ބަޔަކުވެސް އެއް ބަޔަކު އަނެއްބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަނީ އެވެ. ކޮންމެ ބަޔަކުވެސް އަނިޔާގެ ތުހުމަތުން ބަރީއަވާން ވާހަކަ ދައްކަނީ އެވެ. މިއަދު އުފެދޭ ސުވާލަކީ އަނިޔާގެ ވާހަކައިގެ ސިލްސިލާގެ ނިމުމަކީ ކޮބައިބާ އެވެ؟
އެ ވާހަކަތަކުގައި ދެކޮޅުގައި ވެސް ހަގީގަތެއް އޮވެދާނެ އެވެ. ދެކޮޅަށްވެސް އެއްބަސްވެވޭ އެއްކަމެއް އެބައޮތެވެ. ކޮމިޝަނާ ރިޔާޒު ވިދާޅުވީ ފުލުހުންގެ ތެރެއިން މީހަކު ފުލުހުންގެ ގާނޫނުން ބޭރުން "ކަމެއް" ކޮށްފާނެ އެވެ.
"ފުލުހެއްގެ ފަރާތުން ކަމެއް ނުވާނެ އެކޭ ނުދަންނަވާނަން. ފުލުހެއްގެ ފަރާތުން ހަމަޖެހިފައި އޮންނަ އުސޫލާ ހިލާފަށްވެސް ކަމެއް ހިނގާފާނެ. ހިނގައިފިތޯ ނޫންތޯ ބެލޭނީ އެކަމެއް ހުށަހެޅީމަ. ނިޒާމުތައް ހުރީ ހަމަޖެހިފައި. ގާނޫނުތައް މިހިރީ ހެދިފައި. ފުލުހުންގެ ތެރޭގައި ވެސް އެބަ އޮވޭ ޕްރޮފެޝަނަލް ސްޓޭންޑާޑްޒް ޑައިރެކްޓަރޭޓެއް. އަނެއްކާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އެބައޮވޭ. ފުލުހުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލަން. އެއީ ވަރަށް ބޮޑު މެންޑޭޓެއް ދެވިފައި ހުންނަތަންތަން. ހަމައެއާ އެކު ހިއުމަންރައިޓްސް ކޮމިޝަންއަށް ވެސް ބެލޭނެ މީހެއްގެ ރައިޓްސް [ހައްގެއް] ވައިލޭޓްކޮށްފައި އޮތިއްޔާމުން،" ކޮމިޝަނާ ވިދާޅުވި އެވެ.

އެމްޑީޕީންވެސް ގަބޫލުކުރާ ގޮތުން މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ ކަމެއް ހިނގާފާނެ އެވެ. އެއީ އެޕާޓީން އަދި ޒިންމާވާންޖެހޭ ކަމެއްވެސް ނޫންކަމަށް އެ ޕާޓީގެ ބައެއް އެކްޓިވިސްޓުން ބުނެ އެވެ.

"އެހެނެއް ނޫން އަޅުގަނޑުމެންގެ މެންބަރަކު ފުލުހުންނަށް ހަމަލާދީ އެކަހަލަކަމެއް ކޮށްފާނެ. އަޅުގަނޑުމެން ޕާޓީން ނުކުރަން. އަދި އަޅުގަނޑުމެންގެ މަގުމަތީ ހަރަކާތެއްގައި އެކަމަކަށް ހިތްވަރެއް ވެސް ނުދެން. އަޅުގަނޑުމެން ވީވަރަކުން ބަލަން އަޅުގަނޑުމެންގެ މެންބަރެއްގެ ކިބައިންވެސް އަނިޔާވެރިވުމުގެ އަމަލެއް ނުދެއްކޭތޯ" ކުރިންވެސް ވާހަކަދެއްކެވި އެމްޑީޕީގެ އެކްޓިވިސްޓް ވިދާޅުވި އެވެ.

އަނިޔާގެ ވާހަކައިގެ ސިލްސިލާގެ އެންމެ ނިއުޓްރަލް ހިޔާލެއް ފާޅުކުރެއްވީ ހިއުމަންރައިޓްސް ކޮމިޝަންގެ މަރިޔަމް އަޒުރާ އެވެ. އެކަމަނާގެ ދެކިވަޑައިގަންނަވާ ގޮތުން ފުލުހުން އާންމުންނަށް، އާންމުން އާންމުން ފުލުހުންނަށް އަނިޔާކުރުމުގެ އާހިރުގެ ނަތީޖާއަކީ މުޅި މުޖުތަމައު އަނިޔާވެރިކަމުގެ ތެރެއަށް ވެއްޓިގެން ދިޔުމެވެ. އޭގެ ސަބަބުން އަނިޔާ ލިބޭ ކޮންމެ މީހަކާއި ގުޅުންހުރި އެންމެންނަށް އޭގެ އަސަރުކުރާކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ބަޔަކު ކޮންމެ ބަޔަކަށް އަނިޔާ ކުރިޔަސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް. އެހެން ނޫންނަމަ އޭގެ ސަބަބުން އެއާ ގުޅުންހުރި އެންމެންނަށް އޭގެ އަސަރުކުރާނެ. މިސާލަކަށް؛ އަޅުގަނޑުމެންގެ ކުޑަކުދިންނަށް އޭގެން އަސަރުތަކެއް ކުރާނެ. އަނިޔާ މިލިބެނީ އަނިޔާކުރެވޭ މީހާގެ ދަރިންނަށް. އޭރުން އެކުދިން ވެސް މިކަމަށް ހޭނޭނީ. އެހެންވީމަ މިއީ ހުއްޓުވަން ޖެހޭނެ ކަމެއް. އެންމެން މަސައްކަތް ކޮށްގެންވެސް،" އަޒުރާ ވިދާޅުވި އެވެ. "މިކަންތައްތައް ފިޔަވަޅު އަޅައިގެންވެސް ހުއްޓުވަން ޖެހޭނެ. މިކަން [އަނިޔާވެރިކަން] ފެތުރިގެން ދާކަށް ފުރުސަތެއް ނުދެވޭނެ. ޖާގައެއް ނުދެވޭނެ،"

ފުލުހުން އާންމުންނަށް އާންމުން ފުލުހުންނަށް އަނިޔާ ކުރާނަމަވެސް ހަގީގަތުގައި އަނިޔާކުރެވެނީ އެއް ބަޔަކަށެވެ. ފުލުހުންގެ ވެސް އާއިލާއެއް އޮންނާނެ އެވެ. އެއީވެސް އިންސާނުންނެވެ. އަނިޔާ ލިބޭ އާންމު ރައްޔިތުން މީހާ އޭނަގެވެސް އާއިލާއެއް އޮންނާނެ އެވެ. ދެ ފަރާތައް ލިބޭ އަނިޔާގެ ބަދަލެއް ނުލިބެ އެވެ. އެކަމުގައި ކުރެވޭނެ ކަމެއްވެސް ނެތެވެ. އޮތީ އެންމެ ކަމެކެވެ. ކޮންމެ ރޫހެއްގައި އަނިޔާކުރިޔަސް އަނިޔާގެ ޝިކާރައަކަށް ވާ މީހާއަކީ އިންސާނެއްކަން ބަލައިގަނެ އަނިޔާ އެކީ އެކަށް ހުއްޓާލުމެވެ. ނޫންނަމަ ދެން އޮތް ނުރައްކާ މާބޮޑެވެ.

"މިކަން މިގޮތަށް ފެތުރިގެންދާން އަޅުގަނޑުމެންގެ އިސްލާމީ މުޖުމަތައަމުން ޖާގަ ދީގެން ނުވާނެ. މިކަން މިގޮތަށް ފުޅާކޮށް ފެތުރޭކަށް ފުރުސަތެއް ނުދެވޭނެ. އޭރުން މުޖުމަތައުން ފެންނާނީ ލާއިންސާނީ އަނިޔާ. ބޮޑަތި ލާއިންސާނީ އަނިޔާ،" އަޒުރާ ވިދާޅުވި އެވެ.