ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު މެންދުރު ފަހު ލ. ގަމަށް ވަޑައިގެންފިއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި އެދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ރައީސް ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

އެ ކޮންފަރެންސްގެ މަގުސަދަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، އެ ނިޒާމް ހަރުދަނާކުރުމެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ސަރުކާރުގެ އިސްބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކާއި އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ހަތަރު ސެޝަނެއް ކުރިއަށް ގެންދާއިރު ކޮންމެ ސެޝަނެއްގައި ވެސް ޕްރެޒެންޓޭޝަންތައް ހުށަހަޅައި މަޝްވަރާތައް ބާއްވަވާނެއެވެ.

އެގޮތުން އެ ސެޝަންތަކުގެ މައުޟޫތަކުގެ ތެރޭގައި މިންތީގެ ހަމަހަމަކަމާއި ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި ވިލުންވެރި މުޖުތަމަޢެއް ބިނާކުރުން ހިިމެނެއެވެ.

އެ ސެޝަންތަކުގައި ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ޚިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ރާއީސްއާ ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާ އެކު މަޝްވަރާކުރެވޭނެއެވެ.

އެ ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު ގަމުގައި އޮންނާނެއެވެ.

ކައުސިލްތަކަށް މާލީގޮތުންނާއި ގާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޞާލިޙު ތަސްދީގު ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.