10 Sep 2022, 11:43
ކުއީން އެލިޒަބެތު2 ގެ މަރާއެކު ނެޓްފްލިކްސް ޑްރާމާ ސީރީޒް 'ދަ ކްރައުން'ގެ ޝޫޓިން މެދުކަނޑާލައިފިއެވެ.
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބެތުގެ ހަޔާތުގެ މައްޗަށްް ބިނާކޮށް އެންޑްރިއު އީޓަން ޕްރޮޑިއުސްކޮށް އުފައްދާފައިވާ މި ސީރީޒްގައި ދައްކުވައިދެނީ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަންޒަރުތަކެވެ. މި ސީރީޒް މެދުކަނޑާލަން ޖެހުނީ ސީރީޒްގެ ފަސްވަނަ ސީޒަންގެ ޝޫޓިންގެ މަސައްކަތްތައް ކުރަމުން ދަނިކޮށެވެ.
'ދަ ކްރައުން'ގެ ޕްރޮޑިއުސަރު ސްޓެފަން ޑަލްޑްރީ ދަ ގާޑިއަންއަށް ދިން އިންޓަވިއުއެއްގައި ބުނީ، ސީރީޒް މެދުކަނޑާލަން ނިންމީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުން ކަމަށެވެ.
"މި ސީރީޒް އަކީ ކުއީން އަށް ދޭ ލޯބީގެ ސިޓީއެއް. މިވަގުތު ބުނާނެ އިތުރު އެއްޗެއް ނެތް. ޝޫޓު ނުކުރަން ނިންމީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތްވީމައި"
ސީޒަން ފަހެއްގައި ދައްކުވައިދޭނީ، 1990ގެ މެދުތެރެއިން، ޕްރިންސް ޗާލްސް އާއި ޕްރިންސަސް އޮފް ވޭލްސް ޑަޔާނާގެ ސްޓޯރީއެވެ. ފަސްވަނަ ސީޒަންގެ މަސައްކަތް ހުއްޓާލިއިރު، ހަވަނަ ސީޒަން އަށް ކާސްޓުން އިއުލާންކުރީ މި މަހުއެވެ. ކްރައުންގެ ހަވަނަ ސީޒަންގައި ފެންނާނީ އެލިޒަބެތުގެ ރަސްކަމުގެ 2000ގެ ކުރީކޮޅާއި ޕްރިންސަސް އޮފް ވޭލްސް ޑަޔާނާގެ މަރުގެ ހާދިސާއާއި އެއަށްފަހު ހިނގި ކަންތައްތަކެވެ.
ޚަބަރުތައް ބުނާގޮތުން މި ސީޒަންގައި ވަލީއަހުދު ޕްރިންސް ޗާލްސްއާއި ޕްރިންސަސް ޑަޔާނާގެ ފުރަތަމަ ދަރިކަލުން ޕްރިންސް ވިލިއަމްގެ ކުޑައިރުގެ ރޯލު ކުޅޭނީ ރުފުސް ކަމްޕާއެވެ. އަދި ފަހުގެ އަހަރުތައް ކުުޅުމަށް އެޑް މެކްވޭ ކާސްޓުކޮށްފައިވާއިރު ކޭޓްގެ ރޯލުން ފެންނާނީ މެގް ބެލަމީއެވެ. މި ސީރީޒްގައި މެގް ބެލަމީ ފެންނާނީ، ސްކޮޓްލޭންޑްގެ ސެއިންޓް އެންޑްރިއުސް ޔުނިވާސިޓީގައި ކިޔަވަން ހުރި ދުވަސްވަރު ޒުވާން ކޭޓް މިޑްލްޓަންގެ ގޮތުގައެވެ.
'ދަ ކްރައުން'އަކީ އެކި ފަހަރުމަތިން ގޯލްޑަން ގްލޯބްސް އާއި އެމީސް އަދި ބަފްޓާ އެވޯޑަށް ނޮމިނޭޓްވެ، އޭގެ ތެރެއިން ބައެއް އެވޯޑު ލިބިފައިވާ ކާމިޔާބު ސީރީޒްއެކެވެ.