10 Sep 2022, 11:36
ސަލްމާން ޚާން ހޮސްޓު ކުރާ 'ބިގް ބޮސް'ގެ 13 ވަނަ ސީޒަން އިން މަގުބޫލުކަން ހޯދި ޝެހެޒާން ގިލް އާއި ސަލްމާން ވަނީ ޝޯ އަށްފަހު ވެސް ދެ ތަރިންގެ ގުޅުން ދަމަހައްޓާފައެވެ.
ސަލްމާންގެ އައު ފިލްމު 'ކިސީ ކާ ބައި ކިސީކީ ޖާން' އަށް ކާސްޓުކޮށްފައިވާ ޝެހެނާޒް 'ކަނެކްޓް އެފް އެމް – ކެނެޑާ'އަށް ދިން އިންޓަވިއުއެއްގައި ބުނީ ދިރިއުޅުމުގައި ދިމާވާކޮންމެ މީހަކު ވެސް ދަނީ އެތައް ކަމެެއް ދަސްކޮށްދީފައި ކަމަށެވެ. ރަނގަޅު މީހުންނާއި ގޯސް މީހުންނާ ދިމާވާއިރު، އެއިން ކޮންމެ މީހެއް ވެސް ކޮންމެވެސް ކަމެއް ދަސްކޮށްދީފައިވާ ކަމަށެވެ.
"ކުޑަކުޑަ ރަށަކުން އައިސް މިހެން އުޅޭއިރު ވަރަށް ގިނަ ކަންކަމާ ދިމާވާނެ. ބޮޑުވަމުންދާ ވަރަކަށް މީހުންގެ ގޮތް ދަސްވޭ. ދިމާވާ މީހުންގެ ސަބަބުން އެކި ކަންކަމުން އަރައިގަންނަން ދަސްވޭ. އަހަރެންނަށް ދިމާވާ ކަންކަމުން އަރައިގަންނަން އަހަރެން މިހާރު ވަރުގަދަ ވާނެ. ސަލްމާން ކައިރިން ދަސްވީ ދިރިއުޅުމގައި ކުރިއަށްދާން"
އިތުރަށް ބުނީ، ދިރިއުޅުމުގައި ވަރަށް ކުރިއަށްދެވޭނެކަން ބުނެދިނީ ސަލްމާން ކަމަށާއި އޭނާ އެކަމަށް ހިތްވަރުވެސްދޭ ކަމަށެވެ.
ޝެހެނާޒް އާއި ހާޓް އެޓޭކެއް ޖެހި މިދިޔަ އަހަރު މަރުވި ސިދާތު ޝުކްލާ އާ ގުޅުމެއް އޮންނަ ކަމަށްވެސް މީގެ ކުރިން ބޮލީވުޑް ޚަބަރުތައް ގެނެސްދީފައިވެއެވެ. އެ ދެތަރިން އެކަމަށް އެއްބަސްވެފައި ނުވި ނަމަވެސް، ބިގް ބޮސް ޝޯގައި އެ ދެ ތަރިން ވަނީ ގާތް ގުޅުމެއް ބާއްވާފައެވެ. އަދި، ސިދާތުގެ މަރަށްފަހު ޝެހެނާޒް، ބޮލީވުޑްގެ ލައިމްލައިޓް އިން ދުރަށް ޖެހި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓެވެ.
ޝެހެނާޒް އައު ފިލްމުތަކެއްގެ މަސައްކަތް ކުރަމުންދާއިރު، ޕަންޖާބް ފިލްމު 'ހޯންސްލާ ރަކް' އާއި 'ކިސީކާ ބައި ކިސީކީ ޖާން'ގެ އިތުރުން، ސާޖިދު ޚާންގެ '100%" އިންވެސް ފެންނާނެއެވެ. މި ފިލްމުގައި ޝެހެނާޒް އާއެކު ޖޯން އަބްރަހަމް އާއި ރިތޭޝް ދޭޝްމުކް އަދި ނޯރާ ފަތޭހީވެސް ވަނީ ކާސްޓުކޮށްފައެވެ. މިއީ ޓީސީރީޒް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.