ޓެލްއަވީވް (އެޕްރީލް 01): އިސްރާއީލުން އީރާނުގެ އެތެރޭގައި ހިންގާ ޖާސޫސީ ޙަރަކާތްތަކާއި ނިއުކްލިޔާ ސައެންޓިސްޓުން މެރުމުގެ ޙަރަކާތްތައް ވަރަށް ބޮޑަށް ކުޑަކޮށްލައިފި ކަމަށް އެމެރިކާގެ ޓައިމް މަޖައްލާއިން ބުނެފި އެވެ.
ނަން ހާމަކުރަން ނޭދޭ އިސްރާއީލުގެ ޖާސޫސީ މަސްއޫލުވެރިއަކާ ޙަވާލާދީ ޓައިމް މަޖައްލާ ބުނި ގޮތުގައި މިގޮތަށް ޢަމަލުކުރަން ނިންމީ އިސްރާއީލުގެ ޖާސޫސީ ޙަރަކާތްތައް ނާކާމިޔާބުކޮށްލައި އީރާނުން އިސްރާއީލުގެ ބައެއް ޖާސޫސުން އަތުލައިގަންނަމުންދާތީ އެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުން އީރާނުގެ އެތެރޭގައި ހިންގާ ޖާސޫސީ ޙަރަކާތްތަކުގެ ތެރޭގައި އީރާނުގެ ބައެއް މަސްއޫލުވެރިންނާއި ސައެންޓިސްޓުން މެރުމުގެ ޓެރަރިސްޓް ޙަރަކާތްތައް ވެސް ހިމެނޭކަން ނަންހާމަކުރަންނޭދޭ އިސްރާއީލުގެ މަސްއޫލުވެރިޔާ ހާމަކުރެއްވި އެވެ.

ފާއިތުވި ދެ އަހަރުތެރޭގައި އީރާނުގެ ނިއުކްލިޔާ ދެ ސައެންޓިސްޓުންނާއި ރޮކެޓް ސައެންޓިސްޓަކު ވަނީ އަވަހާރަކޮށްލާފައިވާ އިރު އީރާނުގެ ޢަސްކަރީ ސިނާޢަތާ ބެހޭ މަރުކަޒެއްގައި މިދިޔަ އަހަރު ބޮންތަކެއް ވެސް ގޮއްވާލާފައިވެ އެވެ. މިޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވިފައި ވަނީ އިސްރާއީލެވެ. އިސްރާއީލަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ސްޓޭޓް ޓެރަރިޒަމް ހިންގާ ޤައުމެއް ކަމަށް އީރާނުން އަބަދުވެސް ތުހުމަތުކުރެ އެވެ.
އިސްރާއީލުން އީރާނުގެ އެތެރޭގައި ހިންގާ ޖާސޫސީ ޙަރަކާތްތަކާއި އީރާނުގެ ސައެންޓިސްޓުން މެރުމުގެ ޙަރަކާތްތައް ވަރަށް ބޮޑަށް ކުޑަކޮށްލުމަށް ނިންމި ނިންމުމާ ގުޅިގެން މޫސާދްގެ ބައެއް އިސްވެރިން ހިތްހަމަނުޖެހިފައިވާކަން ވެސް އިސްރާއީލުގެ މަސްއޫލުވެރިޔާ ހާމަކުރެއްވި އެވެ. އީރާނުގެ އެތެރޭގައި ހިންގާ ޖާސޫސީ ޙަރަކާތްތައް ކުޑަކުރުމަށް ނިންމީ މިފަދަ ޙަރަކާތްތައް ބޭޒާރުވަމުންދިޔުމާ އެކު އޭގެރައްދުގައި އީރާނުން އިސްރާއީލާ ދެކޮޅަށް ހިންގަފާނެ ޙަރަކާތްތަކާ މެދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ކަންބޮޑުވެވަޑައިގަންނަވާތީ ކަމަށް ވެސް ޓައިމް މަޖައްލާ ބުނެ އެވެ.
އިންޑިޔާއާއި ތައިލެންޑްގައި ހުންނަ އިސްރާއީލުގެ އެންބަސީތަކުގެ ޑިޕްލޮމޭޓުންނަށް އަމާޒުކޮށްގެން ދާދިފަހުން ވަނީ ގޮތްނޭންގޭ ބޮމުގެ ޙަމަލާތަކެއް ބަޔަކު ދީފަ އެވެ. މިޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް އިސްރާއީލުން ތުހުމަތުކުރަނީ އީރާނެވެ.

އީރާނަކީ އިސްރާއީލުގެ އެތެރޭގައި ވެސް ކާރުބޮން ގޮއްވުން ފަދަ ޙަމަލާތައް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމަކަށްވެދާނެ ކަމުގެ ބިރު ނަތަނިޔާހޫ އިހްސާސްކުރައްވާ ކަމަށާ އިސްރާއީލުގެ ޖާސޫސީ ޙަމަލާތައް ބޭޒާރުވަމުންދާ ނަމަ އިސްރާއީލުގެ އެތެރޭގައި އީރާނުން މިފަދަ ޙަމަލާތަކެއް ހިންގަފާނެ ކަމުގެ ބިރުއޮތްކަމަށް ނަތަނިޔާހޫ ދެކެވަޑައިގަންނަވާ ކަމަށް ވެސް މިމަޖައްލާ ބުނެ އެވެ. (ޓައިމް)