09 Sep 2022, 13:51
އަތޮޅުތެރޭގައި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހިންގާ ކޯސްތަކަށް ބޮޑު ތަރުހީބެއް ލިބޭކަމަށް އެ ޔުނިވާސިޓީން ބުނެފިއެެވެ.
އެގޮތުން ހއ. އަތޮޅުން ފެށިގެން އައްޑުއާއި ހަމަޔަށް އައިޔޫއެމްގެ ކޯސްތައް މި ހަފުތާ ބަންދުން ފެށިގެ ކުރިއަށްދާނެއެވެ.
އައިޔޫއެމްއިން އަތޮޅުތެރޭގައި ކުރިއަށްގެންދާ ކޯސްތައް:
- ހއ. ދިއްދޫގައިގައި ބެޗްލާސް އޮފް ޤުރުއާނިކް ސްޓަޑީޒް / ބެޗްލާ އޮފް ޓީޗިންގް ގުރުއާން، މިހަފުތާގެ ބަންދުން ފެއްޓިގެން ކުރިޔަށްދާނެއެވެ.
- ޅ. ނައިފަރުގައި ބެޗަލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯހާއި، އެޑްވާންސް ސެޓްފިކެޓްއިން ޤުރްއާނިކް މެމޮރައިޒޭޝަން ކޯސް އަދި ޤިރާއަތު ކޯސް ކުރިޔަށްދެއެވެ.
- ޅ. ހިންނަވަރުގައި އަރަބި ބަހުގެ ކޯސް، އަދި ޤުރުއާން ހިތުދަސްކުރުމުގެ ކޯސް ކުރިޔަށްދާނެއެވެ.
- ގއ. ވިލިގިނލީގައި އަރަބި ބަހުގެ ކޯސް ކުރިޔަށް ދާއިރު، ގެމަނަފުށީގައި އެޑްވާންސް ސެޓްފިކެޓް އޮފް ޤުރުއާނިކް ސްޓަރޑީޒްކޯސް އަދި ކަނޑުހުޅުދޫގައި ޤިރާއަތުކޯސް ކުރިޔަށް ދެއެވެ.
- ހައްދުންމަތި ލާރނިގް ސެންޓަރާއި ފުވައްމުލަކު ލާނިންގް ސެންޓަރުގައި މާސްޓާރ އޮފް ޓީޗިންގް ޤުރުއާން ކޯސް ކުރިޔަށް ދެއެވެ.
މި ކޯސްތަކާ ގުޅޭގޮތުން "ސަން"އަށް މައުލޫމަތު ދެއްވަމުން އައިޔޫއެމްގެ ރެޖިސްޓަރާ އަހުމަދު ރައުފް އަބްދުﷲ ވިދާޅުވީ ކޯސްތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ރަށްރަށުގައި ހުންނަ އައިޔޫއެމްގެ ސެންޓަރުތަކުގައި ކަމަށެވެ. އެއީ ހދ. ހަނިމާދޫ، ޅ. ނައިފަރު، ލ. ފޮނަދޫ، ޏ. ފުވަންމުލައް އަދި އައްޑޫ ސިޓީ މީދޫގެ ސެންޓަރެވެ.
"ފަސް ސެންޓަރުގެ އިތުރުން މުޅިން އަލަށް އަތޮޅުތެރޭގައި ގާތްގަނޑަކަށް ހަތް ރަށެއްގައި އަޅުގަނޑުމެން ޔުނިވާސިޓީގެ ކޯސްތައް އެބަ ފަށަން. ގާތްގަނޑަކަށް 215 ކުދިންނާއެކީ އެ ކޯސްތައް ފަށަނީ،" ރައުފް ވިދާޅުވިއެވެ.
އޭގެތެރޭގައި ސެޓްފިކެޓް ލެވެލް ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ކޯސްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ރައުފް ވިދާޅުވީ އަތޮޅުތެރޭގައި ހިންގާ ކޯސްތަކަށް ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އަދި އިއުލާނުކުރާ އަދަދަށް ވުރެ ގިނަ ދަރިވަރުން ކޯހުގައި ބައިވެރިވާން އެދޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އަތޮޅުތެރެއަށް ކޯސްތައް ފުޅާކުރުމުގައި ގުރުއާނުގެ ބައެއް ކޯސްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ނިންމުން ވެސް ހިމެނޭކަމަށެވެ.
"ކޮވިޑުގެ ހާލަތުގަ ވެސް ވަރަށް ގިނަ ދުވަހު އޮންލައިންކޮށް ކޯސްތައް ކުރިއަށް ގެންދިޔައިން އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން މުޅި ކޯސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަކީ،" ރައުފް ވިދާޅުވިއެވެ.