ރިޔާޟް (އެޕްރީލް 01): އީރާނުގެ ނިއުކްލިޔާ މައްސަލާގައި ވާހަކަ ދެއްކުމަށް އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު މިއެޕްރީލް މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ސަޢޫދީ ޚާރިޖީ ވަޒީރު ސަޢޫދުލްފައިސަލްއާ ރިޔާޟްގައި ބައްދަލުކުރެއްވުމަށް ފަހު ހިލަރީ ވިދާޅުވީ އެ ވާހަކަތަކުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ވާހަކަ ދައްކައިގެން ސުލްޙަވެރިކަމާ އެކު ޙައްލުކުރެވޭތޯ ބެލުން ކަމުގަ އެވެ. މިބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތައް ބުނާ ގޮތުގައި މިވާހަކަތަކުގެ ބޭނުމަކީ މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމަށް އީރާން އެއްބަސްކުރެވޭތޯ ބެލުމެވެ. މިމައްސަލާގައި މީގެކުރިން އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ދެއްކިވާހަކަތައް ވެސް ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. ވާހަކަތައް ނާކާމިޔާބު ވަނީ ސުލްޙަވެރި ބޭނުންތަކަށް ބޭނުންވާ ނިއުކްލިޔާ ފިއުލް އީރާން އަމިއްލައަށް އުފެއްދުމަށް ބޮޑެތި ބާރުތަކުން ދެކޮޅު ހެދުމުންނެވެ.

ބޮޑެތި ބާރުތަކުގެ ތެރެއިން އީރާނުގެ ނިއުކްލިޔާ ޙައްޤުތަކަށް ސީރިޔަސްކޮށް ދެކޮޅުހަދަނީ ހުޅަނގުގެ ބޮޑު ތިންބާރުކަމަށްވާ އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނެވެ. މިޤައުމުތަކުން ބޭނުން ވަނީ ނިއުކްލިޔާ ފިއުލްއުފެއްދުމުގެ ޓެކްނޮލޮޖީ އީރާން އަމިއްލަ އަށް ހޯދުމުގެ ފުރްސަތުނުދި އީރާނަށް ބޭނުންވާ ނިއުކްލިޔާ ފިއުލް އެޤައުމުތަކުގެ ބެލުމުގެ ދަށުން އީރާނަށް ފޯރުކޮށްދިނުމެވެ. އީރާން ގެންދަނީ މިކަމަށް ދެކޮޅުހަދަމުންނެވެ.

އީރާން ބުނާގޮތުން ބޮޑެތި ބާރުތަކަށް ލިބިގެންވާ ނިއުކްލިޔާ ފިއުލް އުފެއްދުމުގެ ޙައްޤު އީރާނަށް ވެސް ލިބިގެންވާތީ މިއީ ބައިނަލްއަޤްވާމީ ގޮތުން އެޤައުމަށް މަނާކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި ބާރުގެ ބޭނުންކުރުން ފިޔަވައި އީރާނާދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ނާޅާ ފިޔަވަޅެއް ނުދައްކާބިރެއް މިހާރަކުނެތެވެ.

މިގޮތުން އީރާނުގެ ތެލުގެ ސަޕްލައި ކަނޑާލުމަށް ވެސް ހުޅަނގުގެ ބާރުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގައި އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ވަނީ ނާކާމިޔާބުވެފަ އެވެ. (އަލްޖަޒީރާ)