އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ރޭގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަކުރަމުންދާ މިވަގުތު، ކޮމަންވެތުގެ ގައުމުތަކާއެކު ރާއްޖެ ވެސް އެހިތާމައިގައި ބައިވެރިވެއްޖެއެވެ.

ރާނީ އަވަހާރަވުމުގެ ހިތާމަގައި އިނގިރޭސި ރަސްކަމުގެ ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސް ކައިރިއަށް އެ ސަރަހައްދުގެ ގިނަ ބަޔަކު އެއްވެ އެ ހިތާމައިގައި ދަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ.

އެލިޒަބަތު އަވަހާރަވުމާއެކު އިނގިރޭސިވިލާތުގެ ދިދަ ވެސް ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އެގައުމުގެ އިތުރުން އެމެރިކާއާއި ދުނިޔޭގެ ގިނަ ގައުމުތަކެއް ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމުގެ ހިތާމައިގައި އެ ގައުމުގެ ރައްޔިތުން ބައިވެރިވަނީ -- ފޮޓޯ/ އޭޕީ

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ރާނީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ ތައުޒިޔާ މެސެޖުގައި ވަނީ ކޮމަންވެލްތުގެ ގައުމުތައްފަދައިން ރާއްޖެ ވެސް އެ ހިތާމައިގެ ބައިވެރިވާކަމަށެވެ.

އަދި ރާނީގެ ހަޔާތްޕުޅުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ އެ ގައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ 1972ވަނަ އަހަރުގެ މާޗް 13ވަނަ ދުވަހު ރާނީ އެލިޒަބެތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އާ ކުރައްވާފައެވެ.

މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރާއްޖޭގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފައެވެ. ކުރިއަށް އޮތް ތިން ދުވަސް ރާއްޖޭގައި ގައުމީ ހިތާމައިގެ ތިން ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ވެސް ރައީސް ވަނީ ނިންމައިފައެވެ.

ރާނީގެ އަވަހާރަވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވަނީ އެ ހިތާމައިގައި ބައިވެރިވެފައެވެ. އެގޮތުން މިއުވާން ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމަންވެލްތްގެ އެހެންގައުމުތަކާ އެއްގޮތަށް އެ ހިތާމައިގައި ރާއްޖެއިން ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ނިންމެވިކަން މިއުވާނުގެ ޓްވީޓުގައި ވެސް ފާހަގަކުރަށްވާފައިވެއެވެ.

ދުނިޔޭގެ އިސްވެރިންނާއި ކޮމަންވެލްތު ގައުމުތަކުގެ ވެރިން އަދި ރައްޔިތުން ދަނީ މި ހިތާމައިގައި ބައިވެރިވަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ތައުޒިޔާ މެސެޖުގައި ވަނީ ރާނީގެ ނަން އިނގިރޭސިވިލާތުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވި ކުރިއަށް އޮތް ޖީލުތަކަށް ވެސް އެ ވާހަކަތައް ދާނެކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމުގެ ހިތާމައިގައި އެ ގައުމުގެ ރައްޔިތުން ބައިވެރިވަނީ -- ފޮޓޯ/ ރޮއިޓާސް

އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ރާނީގެ އާއިލާއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރާނީ އެލިޒަބަތު 2 ވަނީ އިނގިރޭސިވިލާތަށާއި އެ ގައުމުގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތެއް ކުރަށްވާފައި ކަމަށެވެ. އަދި އާއިލާއަށާއި އެ ގައުމުގެ ރައްޔިތުން ފާޅުކުރާ ހިތާމައިގައި ބައިވެރިވާމަށް އެ މެސެޖުގައި ވެއެވެ.

އިނގިރޭސި ރަސްކަމުގެ ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން އިއުލާނު ކުރިގޮތުގައި ރާނީ އެލިޒަބަތު 2 އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައެވެ. އެލިޒަބަތު އަވަހަރަވީ ސްކޮޓްލެންޑުގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ސިއްޙީ ހާލުކޮޅު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ.

ރާނީ އެލިޒަބަތުގެ ހާލުކޮޅު ކުއްލިގޮތަކަށް ގޯސްވުމާ ގުޅިގެން އެކަމަނާގެ އާއިލާ ބޭފުޅުން (ދަރިންނާއި ދަރިންގެ ދަރިން) ވަނީ އެކަމަނާ އަރިހަށް ވަޑައިގެންފައެވެ. މީގެތެރޭގައި ވަލީއުލްއަހްދު ޕްރިންސް ޗާލްސް އާއި އޭނާގެ އަނބިކަނބަލުން ކެމީލާ އަދި މާމަދަރިކަލުން ޕްރިންސް ވިލިއަމް އާއި ދެ ދަރިކަލުންކަމަށްވާ އެންޑްރޫ އަދި އެޑްވަޑް އާއި އަންހެން ދަރިކަނބަލުން އޭން ވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ.

ރާނީ އެލިޒަބަތު 2 އިނގިރޭސީންގެ ރަސްކަމަށް އިސްކުރެވުނީ 1952 ވަނަ އަހަރުއެވެ. އެއީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް 6 ވަނަ އަވަހާރަވުމުންނެވެ. އެލިޒަބަތުގެ މާމާފުޅަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ރާނީ ވިކްޓޯރިޔާ އެވެ.

އިނގިރޭސި ރަސްކަމުގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވީ އެލިޒަބަތެވެ. އެލިޒަބަތު ރާނީގެ މަގާމުގައި ހުންނަވާތާ މިހާރުވަނީ 70 އަހަރުވެފައެވެ. މިހާ ދިގުމުއްދަތެއްގައި އެއްވެސް ބޭފުޅަކު އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚްތުގައި ރެދަލިކުރައްވާފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެކަން އިއުލާނު ކުރަނީ ވަރަށް ޚާއްސަ އުސޫލެއްގެ މަތިންނެވެ. މި އުސޫލަށް ކިޔަނީ "ލަންޑަން ބްރިޖް އޮޕަރޭޝަން" އެވެ. ނުވަތަ "ލަންޑަން ބްރިޖް ޑައުން" އޮޕަރޭޝަންއެވެ. މިއޮޕަރޭޝަން ދިހަވަރަކަށް ދުވަހަކަށް ދިގު ދެމިގެންދާނެއެވެ. ރަނީގެ ޖަނާޒާ ބާއްވާ ދުވަސް އަދި ބަކިންހަމް ޕެލަސްއިން އިއުލާނުކޮށްފައެއް ނުވެއެވެ.

"ލަންޑަން ބްރިޖް ޑައުން" އޮޕަރޭޝަންއަށް ބަލާއިރު ރާނީ އަވަހާރަވުމާއެކު ލަންޑަންގެ މަޝްހޫރު ހައިޑް ޕާކުން 41 ބަޑީގެ ސަލާމެއް، ގާތްގަނޑަކަށް ހަތް މިނެޓުގެ އާޓިލަރީއާއެކު ގޮއްވާލާނެއެވެ. އަދި ރާނީގެ ސަންދޯއް ވެސްޓްމިނިސްޓަރ އަބޭގެ ހޯލަށް ގެންދިޔުން ބޮޑު ރަސްމިއްޔާތަކާއެކު އަސްކަރީ ޕެރޭޑެއްގައި އޮންނާނެއެވެ. ރާނީގެ ޖަނާޒާ އޮންނަ ދުވަހު ލަންޑަންގެ ހުރިހާ ތަނެއް ފިހާރަތަކާއި އޮފީސްތަކާއި ޔުނިވާސިޓީތަކައި ސްކޫލްތައް ބަންދުކުރާނެއެވެ.

ރާނީގެ ޖަނާޒާ އަށް ކޮމަންވެލްތްގެ ގައުމުތަކުގެ އިސްވެރިން ހާޒިރުވެ ވަޑައިގަންނަވާނެއެވެ. އެލިޒަބަތު އަވަހާރަ ވުމާއެކު އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްވަނީ ރަސްކަމަށް އިސްކޮށްފައެވެ.