09 Sep 2022, 10:53
އާޝިގީ ގެ ސީކުއެލް އާޝިގީ 3އަށް ކާތިކް އާރްޔަން ކާސްޓުކުރުމާއެކު އެންމެ ގިނައިން ދެކެވުނީ ލީޑް އަންހެން ތަރިއަކީ ކޮބައިތޯއެވެ.
އަނޫރާގް ބާސޫ ޑައިރެކްޓުކުރާ މިއުޒިކަލް ރޮމޭންސްގެ ލީޑް އަންހެން ރޯލު ކުޅެން ތިން ތަރިއެއް ލިސްޓުކޮށްފައިވާ ކަމަށް ސިއްރު ފަރާތަކުން ބޮލީވުޑް ހަބަރުތައް ގެނެސްދޭ 'ޕިންކްވިލާ' އަށް ކަށަވަރުކޮށްދީފިއެވެ. ހަބަރުތައް ބުނާގޮތުން، ޕްރޮޑަކްޝަން ޓީމުން މިހާރު ވަނީ ތިން ނަމެއް ޝޯޓް ލިސްޓުކޮށްފައެވެ. އެއީ، ދީޕިކާ ޕަޑުކޯން އާއި ކްރިތީ ސެނޮން އަދި އާޝިގީ ދޭއްގެ ލީޑް ކުޅުނު ޝްރައްދާ ކަޕޫރުއެވެ.
"މި އަހަރު ނިމެންވާއިރަށް ލީޑް ކުޅޭނެ އަންހެން ތަރި ކާސްޓުކުރާނެ" އޮފިޝަލަކު ބުނެފައިވެއެވެ.
އާޝިގީ އަކީ ބޮލީވުޑްގެ ގިނަ ބަޔަކަށް ކަމުދިޔަ ލޯބީގެ ފިލްމެކެވެ. އެންމެ ފުރަތަމަ ފިލްމު ނެރުނީ 1990 ގައި ރާހުލް ރޯއި އާއި އަނޫ އަގަރްވާލް އާއެކުއެވެ. މި ދެ ތަރިންނަކީ، 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ދެތަރިންނެވެ. މި ފިލްމާ އެކު ފިލްމުގެ ލަވަތައްވެސް ކާމިޔާބު ކަމާއެކު އެވޯޑުތައް ހޯދާފައިވެއެވެ. ހާއްސަކޮށް، ބޮލީވުޑްގެ އެންމެ ބޮޑު ފިލްމްފެއާ އެވޯޑްސް އިން، މިއުޒިކް ޑިރެކްޓާ އާއި އަންހެން އަދި ފިރިހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ އެވޯޑް ނެގިއެވެ.
މި ފިލްމަށްފަހު، އާޝިގީ 2 ނެރުނީ 2013 ވަނަ އަހަރުއެވެ. އެހެންނަމަވެސް މި ފިލްމަކީ 1937 ވަނަ އަހަރު ހޮލީވުޑް ގައި ނެރުނު 'އަ ސްޓާ އިޒް ބޯން'ގެ ރީމޭކް އެކެވެ. މި ފިލްމުގެ ލަވަތައްވެސް ގިނަ ބަޔަކަށް ކަމުގޮސް ހިންދީ ސިނަމާގެ އެވޯޑުތައް ނެގިއެވެ. އެންމެ މަގުބޫލުވީ އަރްޖިތު ސިންގް ކިޔާފައިވާ 'ތުމް ހި ހޯ' އެވެ. މި ލަވަ ގިނަ ރެކޯޑް ތަކެއް މުގުރާލިއެވެ.
މި ދެ ފިލްމާއެކު އާޝިގީގެ ތިން ވަނަ ފިލްމަކަށް ތައްޔާރުވަމުންދާއިރު ގިނަ ބަޔަކު މި ފިލްމަށް އުއްމީދު ކުރެއެވެ.