ކޮފީ ވިތު ކަރަން ސީޒަން 7ގެ އާ އެޕިސޯޑްގައި ކެޓްރީނާ ކެއިފް، ސިދާންތު ޗަތުރުވެދީ އަދި އިޝާން ކައްތަރު އެކީގައި ވަނީ އެތަރިންގެ ދިރިއުޅުމުގެ އާ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އެންމެ ފަހު އެޕިސޯޑްގައި ވާހަކަދައްކަމުން، ޑިރެކްޓަރ – ޕްރޮޑިއުސާ ކަރަން ޖޯހަރު ކުރި ސުވާލަކާ ގުޅިގެން ކެޓްރީނާ ބުނީ، އޭނާގެ މިހާރުގެ ފިރިމީހާ ވިކީ ކޯޝަލް އާ ރައްޓެހި ވުމުގެ ކުރިން މީޑިއާތަކުން އެ ހަބަރު ފެތުރި ކަމަށެވެ. އަދި އެ ދުވަސްވަރު ދެމީހުން ހަގީގަތުގައި އުޅުނީ އެކުގައި ނޫންކަމުން ވަރަށް އުނދަގޫވި ކަމަށެވެ.

ކެޓްރީނާ ބުނި ގޮތުގައި އެންމެ ފުރަތަަމަ ވިކީ އާ ދިމާވީ ސްކްރީން އެވޯޑްސްގައެވެ. އޭގެ ކުރިން އަސްލު ވިކީ ނުވެސް އެނގޭ ކަމަށް ކެޓް ބުންޏެވެ.

"އެއީ އަސްލު ތަގުދީރު. އެއީ ވާންހުރި ގޮތްވީމަ އެކަން އެހެންވީ. މީގަ އެންމެ ހިތްހަމަޖެހޭ ކަމަކީ، ހީނުކުރާ ގޮތަކަށް މިކަން ވީމަ. އަހަންނަކަށް ކުރިން ނޭނގޭ އެއީ ކާކު ކަމެއްވެސް. އަހަރެންގެ ރާޑަރަކަށް ވިކީ އެއް ނާރާ އޭރު. ނަން އެނގޭ އެކަމަކު ދިމައެއް ނުވޭ. ހަމަ ކުއްލި އަކަށް އައީ،" ކޮފީ ވިތު ކަރަންގައި ވާހަކަދައްކަމުން ކެޓްރީނާ އޭނާގެ މިހާރުގެ ފިރިމީހާ އާ ގުޅޭގޮތުން ކިޔައިދިނެވެ.

ވިކީ އާ ކެޓްރީނާ އެކުގައި ފިލްމަކުން ނުފެނުނު ކަމުގައި ވިޔަސް އެ ދެ ތަރިން އޮފް ސްކްރީނުގައި ފެންނަނީ ވަރަށް ގުޅުން ރަނގަޅު ޖޯޑެއްގެ ގޮތުގައެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ ދެ އަހަރު އެކުގައި އުޅުމަށްފަހު މިދިޔަ ޑިސެމްބަރު މަހުއެވެ. ރާޖަސްތާނުގައި ބޭއްވި ބޮޑު ކައިވެނީގެ ހަފްލާގައި ބައިވެރިކޮށްފައިވަނީ އާއިލާ މީހުންނާ ގާތްރައްޓެހިން އަދި ފިލްމު އިންޑަސްޓްރީގެ ބައެއް މީހުންނެވެ.