މުސާރަ ނުދޭކަމަށް ބުނެ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޯސްޓާ އިސްތިއުފާ ދީފިއެވެ.

ކޯސްޓާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފީފާގެ އުސޫލުތަކުގެ މަތިން ވަގުތުން މަގާމުން އިސްތިއުފާ ދޭ ކަމަށެވެ.

މީގެއިތުރުން ކޯސްޓާ ބުނީ އޭނާއަށް ހަތް މަހުގެ މުސާރަ އެފްއޭއެމްއިން ނުދީވާއިރު ވެސް އެ މުއްދަތުގެ ތެރޭގައި އޭނާ ކެއްތެރިވެގެން ހުރިކަމަށެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހުމުން ދެރަވާ ކަމަށާއި މުސާރައާ ގުޅޭގޮތުން އެފްއޭއެމްއިން މިހާތަނަށް އެއްވެސް ހަބަރެއް ނުވާކަމަށް ވެސް ކޮސްޓާ ބުންޏެވެ.

އޭނާގެ ތަޖުރިބާއާއި ހުނަރު ބޭނުން ކޮށްގެން ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާ ނެރެދެން މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ރަސްމީ ހަތަރު މެޗު ކުޅެ ދެ މޮޅު ޓީމަށް ލިބުނު ކަމަށާއި، އެކުވެރި ކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން މޮޅުވެވުނުކަމަށް އޭނާ ބުންޏެވެ.

އެ ހުރިހާ މަސައްކަތެއް އެފްއޭއެމްއިން ބަލައިގެނެފައިވާކަމަށާއި، މިއަހަރުގެ ޑިސެމްބަރާ ހަމައަށް ކޮންޓްރެކްޓް އާ ކުރަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދުނު ކަމަށް ވެސް ކޯސްޓާ ވަނީ ބުނެފައެވެ.

އޭނާ އަށް މަސް ދުވަހުގެ މަސައްކަތަށް ފަހު އިސްތިއުފާ ދިންނަމަވެސް ރާއްޖޭގެ ފުޓްބޯޅައަށް ކާމިޔާބަށް އެދޭކަމަށާއި، ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ލިބުމަށް އެދޭކަމަށް ކޯސްޓާ ބުންޏެވެ. އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ ހުނަރުގެ ގޮތުން މޮޅެތި ކުޅުންތެރިންކަމަށާއި އެޝިއާގެ އެންމެ ބޮޑެތި ލީގުތަކުން އެ ކުޅުންތެރިން ފެންނަން ބޭނުންވާ ކަމަށެވެ.

ކޯސްޓާ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

ޕޯޗުގަލްއަށް އުފަން ކޯސްޓާއަކީ ޕޯޗުގަލްގެ ކްލަބްތަކުގައި މިޑްފީލްޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެކުނު ކޮރެއާގެ ޑައިޖިއަން ސިޓިޒަންގައި ކޯޗިން މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އޭނާ އެންމެ ފަހުން ހަވާލުވެހުރީ ސްވިޒަލެންްޑްގެ ކްލަބް, ބެރޯޝް-ގޯޖިއާއާއެވެ.