ޔުއެފަ ޔޫރޮޕާލީގްގައި ރޭ އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނުމެޗުން އެޓީމް ބަލިވެ، އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

ޔޫރޮޕާލީގްގައި ރޭ އިނގިރޭސިވިލާތުގެ އާސެނަލް ކުޅުނު މެޗް އެޓީމު ކާމިޔާބުކުރީ، ޒިއުރިކް ސްޕޯޓްސް އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ސްވިޒަލެންޑްގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގެ 16 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު އާސެނަލަށް ޖަހައިދިނީ، މިފަހަރުގެ ހޫނު މޫސުމުގައި އެ ޓީމާ ގުޅުނު މާކުއީނިއޯސްއެވެ.

އާސެނަލުން ލަނޑެއް ޖަހައި ލީޑް ނަގާފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޒިއުރިކްގެ މާލިން ކްރިޒޭއޫ ވަނީ ލިބުނު ޕެނަލްޓީއަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ، 62 ވަނަ މިނެޓްގައި މާކުއީނިއޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންކެއިޓޭއެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ނެދަލެންޑްސްގެ ޕީއެސްވީ އާއި ނޯވޭގެ ބޯޑޯ ބައްދަލުކުރިމެޗް ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޔޫރޮޕާލީގްގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ ރެއާލް ސޮސިއެޑޭޑް ބައްދަލުކުރިމެޗް ސޮސިއެޑޭޑް ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސޮސިޑޭޑަށް ކާމިޔާބުކޮށްދިނީ، 60 ވަނަ މިނެޓް ތެރޭގައި ލިބުނު ޕެނަލްޓީއަކުން ބްރައިސް މެންޑޭޒްއެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން ލިބުނު މޮޅަކީ އެ ޓީމުގެ ތާރީހުގައިވެސް ރަށުން ބޭރުގައި އިނގިރޭސި ޓީމެއްގެ އަތުން ލިބުނު ފުރަތަމަ މޮޅެވެ.

ސޮސިއެޑޭޑާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުތް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހެރީ މެގުއާ ކުޅެން ނިކުތެވެ. މެޗްގައި ރޮނާލްޑޯ ގޯލެއް ޖެހިނަމަވެސް ވީއާރު ބެލުމަށްފަހު ވީޑިއޯ އެސިސްޓަންޓް ރެފްރީ ނިންމެވީ އޯފްސައިޑް ގޯލެއްކަމަށެވެ.

މި ގްރޫޕްގެ އަނެއްމެޗްގައި މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލާއި، ސައިޕްރަސްގެ އޮމޯނިއާ ބައްދަލުކުރިމެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޝެރިފް ޓިރާސްޕޯލެވެ.