31 Mar 2012, 22:52
މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ފާހަގަކުރަން ފެށި " އާތު އަވާ" ފާހަގަ ކުރާ އެއް ގަޑިއިރު ކުރީ ދެ އަހަރު ވެސް ފެނުނީ މާލޭގެ އަލިތައް ވަރަށް ބޮޑަށް ކަނިކޮށްފައިވާ ތަނެވެ. ނަމަވެސް ކުޅިވަރާ މަޖާ ކުރުން އޮތީ އިންތިހާއަށެވެ. އަލި މަޑުވުމުގެ އިތުރުން މާލޭގެ މަގުތަކުން އިންޖީނުލީ އުޅަނދުތަކުގެ އަޑު ކެނޑިގެން ދިއުމަކީ ގިނަ ބަޔަކަށް ލިބުނު ހިތް ހަމަޖެހުމެކެވެ.
އާތު އަވާގެ ގޮތުގައި ފާހަގަކުރި އެއްގަޑި އިރު ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ގޮސް ސަލްޓަން ޕާކް ތެރޭގައި މަޑުކޮށްލީ އެންމެ އަލިމަޑު ވާނީ އެތަން ކަމަށް ވެސް ހީކޮށްގެންނެވެ.
ރާއްޖެ އައިސް އުޅޭ ޖަޕާނުގެ ފަންނާނުން ސަލްޓަންޕާކްގެ ބައެއް ގަސްތަކުގައި ހަރުކޮށްފައިވާ ދުން ފިނި ( ފޮގް) އުފައްދާ މެޝިންތަކުން އަރުވާފައި އޮތް ބޮޑު ދުން ފިނި ގަނޑެއް އެޕާކްގައި އޭރު އޮތެވެ. އަދި އެކި ކުލަތަކުގެ އަލިތައް އެ ދުންފިނިގަނޑުގެ ތެރެއަށް އަޅުވާފައި ހުއްޓެވެ.
ގަޑިން 8.30 ވެ އާތު އަވާ ފެށުމުން ފޮފް މެޝިންތައް ނިއްވާލި އެވެ. އަދި އެ މެޝިން ތަކުން އުފައްދާފައިވާ ދުންފިނި ގަނޑަށް އަޅުވާފައިވާ އަލިތައް ވެސް ނިއްވާލި އެވެ. ނަމަވެސް ޕާކްތެރެއިން އަލި މަޑެއް ނުވިއެވެ.
" އެހެރަ ބޮޑެތި ހަތަރު މާކަރީ ލައިޓް ނިއްވައެއް ނުލާ، ދެން އެހެރީ ގައުމީ ކުތުބުހާނާ، އެތަން ވެސް އެހެރީ ހަމަ އަލި ގަދަކޮށް، " ދެކުދިން ގޮވައިގެން ޕާކަށް ގޮސް ހުރި ފާތުމަތު ރަޝީދާ ބުންޏެވެ.
އަލި މަޑު ނުވިޔަސް އެވަގުތު ކޮޅު އެތާ ބޮޑުބެރު ޖަހަން އައިސް ތިބި ޒުވާން ގްރޫޕުން އެމީހުންގެ ބޮޑުބެރު ޖެހުން ފަށައިގެން ކުރިއަށް ގެންދިޔަ އެވެ.
އިސްލާމީ މަރުކަޒާ ބަނޑޭރިކޮއްޓާ ދޭތެރެއިން ޖުމްހޫރީ މައިދާނަށް ނުކުންނަން ދިޔައިރު ވެސ ބެރުޖަހާ އަޑާއި ދެ ޖިންސުގެ ޒުވާނުންގެ ހަޅޭކުގެ އަޑު އިވި އިވި ހުއްޓެވެ. ރަސްމީ ފާލަން ކައިރީ ހުރެ އިރުމައްޗަށް ބަލާލި އިރު މާލޭގެ ހުޅުލެއާއި ހުޅުމާލެ ފެރީޓާމިނަލް ހިމެނޭ ސަރަހައްދުގައިވާ ބައެއް އުސް އިމާރާތްތަކުން ގަދަ އަލިތައް ފެނެއެވެ. ނަމަވެސް ކައިރިއަށް ހުރި ޝަހީދު ހުސައިން އާދަމް ބިލްޑިންގާއި ރައީސް އޮފީހާއި ކޯސްޓް ގާޑް ބިލްޑިންގ ހުރީ އަލިމަޑުކޮށްފަ އެވެ.
ޗާނދަނީ މަގުން އެއްގަމަށް އަރާލި އިރު ވެސް އަލިކަމުގައި އެއްވެސް ތަފާތެއް ނުފެނުނެވެ.
"މިފަހަރު އާތު އަވާއަށް މިއޮތީ ސިޔާސީ ހިޔަނި އެޅިފައި، ސިޔާސީ ބައިބައި ވުމާ ހެދި އާތު އަވާގެ މާބޮޑު ކެމްޕޭނެއް ވެސް މިފަހަރަކު ނުކުރޭ، ގިނަ ބަޔަކު އެކަމުގައި ބައިވެރިއެއް ނުވޭ، އެހެންވީމާ އާތު އަވާއިން ވެސް މާލޭގެ ސިޔާސީ ހޫނުކަން ފިންޏެއް ނުވި،" ސިޔާސީ ކަންތައްތަކާ ހެދި ނުރުހިފައި ހުރި އިބުރާހިމް ހަނީފު ބުންޏެވެ.
ދުނިޔޭގެ ތިމާވެއްޓަށް ޓަކައި މުޅި ދުނިޔޭގައި އެއް ވަގުތެއްގައި ހިންގާ ބޮޑު ހަރަކާތް މިފަހަރު ވެރިރަށް މާލޭގައި ނުހިންގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަރަކާތްތަކެއް ނުފެނުނު ތާނގައި އަލިވެސް މަޑެއް ނުވިއެވެ.
ސްޓެލްކޯއިން މިފަހަރު އަންދާޒާ ކުރަނީ އެއްގަޑިއިރުތެރޭ 10،000 ލީޓަރުގެ ތެޔޮ ސަލާމަތްކުރެވި 2000 ކިލޯގެ ކާބަނުން ޖައްވު ސަލާމަތްކުރެވިދާނެ ކަމަށެވެ. އެންވަޔަރަންމަންޓުން މިނިސްޓްރީން ވަނީ ކަރަންޓް ބޭނުން ނުކުރާ ވަގުތު ސްޓެލްކޯގެ ޖަނަރޭޓަރުތަކަށް ލިބޭ ލުއިގެ ތަފްސީލް އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައި ހުންނަ ފޯކަލް ޕޮއިންޓްތަކުން ލިބޭނެ ގޮތް ހަމަޖައްސާފައެވެ.
ސްޓެލްކޯއަށް މިފަހަރު ބާރު ކުޑަވި ވަރެއް އަދި ނޭނގެއެވެ. ނަމަވެސް އިނގޭ ކަމަކީ މިފަހަރު އާތު އަވާ ދިޔައީ މާބޮޑު އަނދިރިކަމެއް ނައިސް ކަމެވެ.