08 Sep 2022, 23:33
ސީއެންއެން ފެށުމަށް އެހީތެރިވެދެއްވި މަގުބޫލު ޝަހްސިއްޔަތު ބާނާޑް ޝޯ، 82، ނިޔާވެއްޖެއެވެ.
ސީއެންއެންގައި ޚަބަރު ހުށަހަޅައިދެއްވުމުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި ޝޯގެ އާއިލާއިން ބުނީ އޭނާ ނިޔާވީ ނިއުމޯނިއާ ޖެހިގެން އިއްޔެ ކަމަށެވެ.
ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ޝޯގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ ހަމައެކަނި އޭނާގެ އާއިލާއާއި ގާތް މީހުން ބައިވެރިވާ ގޮތަށެވެ. އަދި ޝޯގެ ހަނދާނުގައި މާބޮނޑިތައް ބެހެއްޓުމުގެ ބަދަލުގައި އޭނާގެ ނަމުގައި އުފައްދާފައިވާ ސްކޮލާޝިޕް ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް އޭނާގެ އާއިލާއިން ވަނީ އެދިފައެވެ.
ސީއެންއެންގެ ޗެއާމަން އަދި ސީއީއޯ ކްރިސް ލިކްޓް ނެރުއްވި ބަޔާނެއްގައިވާ ގޮތުން ޝޯއަކީ އެ ނެޓްވޯކް ޖޫން 1، 1980ގައި އުފެއްދި އިރުން ފެށިގެން އެ ނެޓްވޯކުގައި މަސައްކަތްކޮށްފައިވާ އަދި ގިނަ ބައެއްގެ ލޯބިލިބިފައިވާ މުވައްޒަފެކެވެ.
ޝޯ ހުށަހަޅައިދެއްވި މުހިންމު ހަރަކާތްތަކާއި ހާދިސާތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުތަކާއި 1991ގެ ގަލްފް ހަނގުރާމަ ހިމެނޭކަން ލިކްޓް ފާހަގަކުރެއްވިއެވެ.
"ސީއެންއެން ދޫކުރައްވާ ވަޑައިގަތުމަށް ފަހު ވެސް ބާނީ ހުންނެވީ ސީއެންއެން އާއިލާގެ ގާތް މެންބަރެއްގެ ގޮތުގައި އަދި މިދިޔަ އަހަރާ ޖެހެންދެން ވެސް، ތާރީހީ ހާދިސާތަކާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ބެލުންތެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވި،" ލިކްޓްގެ ބަޔާނުގައިވެއެވެ.
ޝޯ މަޝްހޫރުވެފައި ވަނީ މުހިންމު، ކުއްލި ޚަބަރުތައް މަޑުމަތިރިކަމާއި ސީރިއަސްކަމާއެކު ހުށަހަޅައިދެއްވި ނޫސްވެރިއެއްގެ ގޮތުގައެވެ. އެގޮތުން ސީއެންއެންއަކީ އިތުބާރުކުރެވޭ ނެޓްވޯކެއްގެ ގޮތުގައި މީހުން ބަލައިގަންނަން ފެށި އެއް ސަބަބަކީ، 1981ގައި އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލުން އޭނާ ހުށަހަޅައިދެއްވި ގޮތުންނެވެ.
މީގެ އިތުރުން ގަލްފު ހަނގުރާމައިގެ ތެރޭގައި އިރާގުގެ ބަޣުދާދުގައި ހުންނަވައިގެން އޭނާ ރިޕޯޓުކުރެއްވި ގޮތަށް ވެސް ގިނަ ބަޔެއްގެ ތައުރީފު ލިބުނެވެ. ބަޣުދާދުގައި އޭނާ ހުންނެވި ހޮޓަލުގެ ކައިރިން ވެސް ހަމަލާތަކުގެ އަޑު އިވެމުން ދިޔަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އޭރު އަހަރެންގެ ހިތަށް އެެރި، މަރުވާ ނަމަ މަރުވާން ވަނީ ތިމާ ގަޔާވާ ކަމެއް ކުރަމުންނޭ،" ޝޯ ވިދާޅުވެފައިވެއެވެ.
ޝޯ ސީއެންއެންއިން ރިޓަޔާ ކުރެއްވީ 2001 ވަނަ އަހަރުގައެވެ.