އެންމެ މަތީ ފަންތީގެ ދަތުރުތަކަށް ޚާއްސަކޮށް ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިނުގެ ޚިދުމަތް ފެށުމަށް ސިމްޑީ ގްރޫޕުން ތައްޔާރުވެއްޖެއެވެ.

އެއާލައިން ފެށުމުގެ އެއްބަސްވުމުގައި ސިމްޑީންނާއި ޔޫއޭއީގެ އަރަބޭސްކްއިން ސޮއިކުރި ނަމަވެސް، މި ޚިދުމަތް ފެށޭނެ ތާރީޚަކާއި ޚިދުމަތަށް ބޭނުންކުރާ އެއާކްރާފްޓުތަކުގެ މައުލޫމާތު އެއްވެސް ކުންފުންޏަކުން ހިއްސާކޮށްފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޔޫއޭއީގެ އަރަބޭސްކްއާ ގުޅިގެން ފަށާފައިވާ މަސައްކަތެކެވެ. ވޭތުވެ ދިޔަ 25 އަހަރު ވެސް ސިމްޑީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކޮށްދެެއްވާފައެވެ.

އަރަބޭސްކްއަކީ ގަތަރު ފަދަ ފާހަގަކޮށްލެވޭ އެއާލައިންތަކުގެ މަތީ މަގާމުތަކުގައި މަސައްކަތްކުރެއްވި، އޭވިއޭޝަން ދާއިރާގެ ފުންނާބު އުސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ކުންފުންޏެކެވެ.

މި އެއާލައިނުން ފަތުރުވެރިން ދާން ބޭނުންވާ މަންޒިލަށްދިއުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދޭނެކަމަށް ސިމްޑީން ބުނެއެވެ.

ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ މަތީ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދޭ މި އެއާލައިނުގެ އަމާޒަކީ ދުނިޔޭގެ 60ގައުމަށް ދަތުރުކުރުން ކަމަށެވެ.