08 Sep 2022, 20:29
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ދެވަނައިގެ ހާލުކޮޅާ ބެހޭ ގޮތުން އެކަމަނާގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ގަޑިން 12:30ހާ އިރު ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު ހެނދުނު ރާނީގެ ހާލުކޮޅު ބެލުމަށް ފަހު ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމަނާގެ ހާލުކޮޅު ގާތުން ބަލަމުން ދިޔުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރާނީގެ އިދާރީ މައި އޮފީސް ހުންނަ ބަކިންހަމް ޕެލެސްގެ ބަދަލުގައި އެކަމަނާ މިވަގުތު އޮންނެވީ އެކަމަނާ އާންމު ގޮތެއްގައި ޗުއްޓީ ހޭދަ ކުރައްވަން ވަޑައިގަންނަވާ، ސްކޮޓްލެންޑުގައި ހުންނަ ބަލްމޯރަލް ކާސަލްގައެވެ.
ބީބީސީގައިވާ ގޮތުން މިވަގުތު ރާނީގެ ހުރިހާ ބޭފުޅުން ތިއްބެވީ އެކަމަނާ އަރިހުގައި ނުވަތަ އަރިހަށް ވަޑައިގެންނެވުމުގެ މަގުމަތީގައެވެ. އެގޮތުން ބަލްމޯރަލްގައި ތިއްބެއްވި ބޭފުޅުންގެ ތެރޭގައި ޕްރިންސް ޗާލްސް އާއި އަނބިކަނބަލުން ކެމިލާ އާއި ޕްރިންސް އޭން ހިމެނެއެވެ.
މީގެ އިތުރުން ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ވެސް މިހާރު ތިއްބެވީ ސްކޮޓްލެންޑަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ކަމަށް ބީބީސީން ރިޕޯޓުކުރިއެވެ.
އިނގިރޭސި އާ ބޮޑުވަޒީރު ލިޒް ޓްރަސް އިއްޔެ ވަނީ ރާނީ އަރިހަށް ޒިޔާރަތް ކުރައްވާފައެވެ. އާ ބޮޑުވަޒީރަކާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ ރާނީ އާންމު ގޮތެއްގައި ހަވާލުކުރައްވަނީ އެ ބޭފުޅަކާ ބަކިންހަމް ޕެލެސްގައި ބައްދަލުކުރެއްވުމަށް ފަހުގައެވެ.
ނަމަވެސް ހެލިފެލިވެ އުޅުއްވުމުގައި ދަތިތަކެއް ހުރުމުން އިއްޔެ ރާނީއަށް ބަކިންހަމް ޕެލެސްއަށް ވަޑައިގެންނެވެން ނެތް ކަމަށް މީގެ ކުރިން ޝާހީ އާއިލާއިން ވަނީ ހާމަކޮށްފައެވެ.
އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބެތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވައެއްގައެވެ. އޭގެ ފަހުން ރާނީގެ ހާލުކޮޅު ވަނީ އިތުރަށް ގޯސްވެފައެވެ.