ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސްއޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލަށް ތޫނިސްގެ އޮންސް ޖަބީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓްގެ ސެމީފައިނަލުގެ ޖާގައެއް ޖަބީ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި އޮސްޓްރޭލިއާގެ ޓޮމްލަނޮވިޗާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗު ޖަބީ ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓް ޖަބީ ގެންގޮސްފައިވަނީ، 4-6 ސެޓުންނެވެ. ދެވަނަ ސެޓް ގެންގޮސްފައިވަނީ، 4-7 ސެޓުންނެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޖަބީ ހޯދުމާއެކު އޭނާ ހިމެނެނީ، ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި، އެފްރިކާ އަދި އަރަބި ނަސްލުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޖަބީ ވަނީ 2020 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން އަދި 2021 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް ދަތުރުކޮށްފައެވެ.

ކުއާޓާ ފައިނަލުގައި އޮސްޓްރޭލިއާގެ ޓޮމްލަނޮވިޗާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޖަބީ ބުނީ، ވިމްބަލްޑަން މުބާރާތަށްފަހު ކެރިއަރުގައި ކުރިއަށްދިއުމުގެ އުއްމީދުތައް އިތުރުވެގެންދިޔަކަމަށާއި، މިއީ އެ ހިތްވަރާއެކު މަސައްކަތްކުރުމުގެ ނަތީޖާކަމަށެވެ.

"ވިމްބަލްޑަން އަދި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް ދަތުރުކޮށް ލިބުނު ތަޖުރިބާއާއެކު މިފަހަރުގެ މުބާރާތުގެ ސެމީފައިނަލް ފަހަނައަޅައި ދެވިދާނެކަމުގެ ޔަގީންކަން ވަރަށްބޮޑުވެއްޖެ،" ޖަބީ ބުންޏެވެ.

އުމުރުން 28 އަހަރުގެ އޮންސް ޖަބީ ސެމީފައިނަލުގައި ނިކުންނާނީ، ފަރަންސޭސިވިލާތުގެ ކެރޮލީނާ ގާސިއާ އާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.