ތައުލީމީ ދާއިރާއިން ރާއްޖެއަށް ސިންގަޕޫރުގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް، މިކަމަށް އެދިވަޑައިގަތީ ސިންގަޕޫރުގެ މިނިސްޓަރު ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް، މަސަގޮސް ޒުލްކިފްލީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.

މިބައްދަލުކުރެއްވުން އޮތީ ނައިބު ރައީސް މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދާވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެ ގައުމުގެ ސަރުކާރުގެ މަތީފަންތީގެ އިސްވެރިންގެ ޒިޔާރަތްތަކުގައި ދެ ގައުމަށް ފައިދާ ހުރި ގިނަ ފަހުމުނާމާ ތަކެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިފާއީ، އިޖުތިމާއީ، އިގްތިސާދީ ތަރައްގީއާއި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ތައުލީމީ ދާއިރާގެ އިތުރުން އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެ ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.