މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިންސާނީ ވަސީލަތް އިތުރަށް ތަރައްގީ ކުރުމަށާއި އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ގޮތުން އިންޑިޔާގެ އެހީތެރިކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެދިވަޑައިގެންފި އެވެ.

އިންޑިޔާގެ އަސްކަރީ އެހީތެރިކަމަށް ނާޒިމް އެދިވަޑައިގެންނެވީ އިންޑިޔާގެ އަސްކަރިއްޔާގެ ފަރާތުން ނިއުދިއްލީގައި ބޭއްވި ”ޑިފެންސް އެގްޒެބިޝަން 2012" ގައި ބައިވެރިވެޑައިގަތުމަށް އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅުގަ އެވެ.

އެމްއެންޑީއެފުން ބުނީ ނާޒިމްގެ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ ބައްދަލު ކުރައްވައި އެމަނިކުފާނު އެދިވަޑައިގެންނެވީ ދިވެހި ސިފައިންނަށް އިންޑިއާގެ އަސްކަރިއްޔާއިން ތަމްރީނުގެ ފުރުސަތު ތަނަވަސް ކުރުމަށެވެ. އަދި އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެމްއެމްޑީއެފުން ބުންޏެވެ.

އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނާޒިމް މާލެ ވަޑައިގެންނެވީ ރޭގަ އެވެ.
މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ އިންޑިޔާގެ ނެޝަނަލް ޑިފެންސް އެޑްވައިޒަރާއި އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފްގެ އިތުރުން އިންޑިޔާގެ ކޯސްޓްގާޑުގެ ޑިރެކްޓަރު ޖެނަރަލްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ޑިފެންސް އެގްޒެބިޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭރު ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ތެރެއިން މެލޭޝިޔާގެ ރޯޔަލް ނޭވީ ޗީފް އޮފް ސްޓާފްއާއި މެލޭޝިޔާ ރޯޔަލް އާމީގެ ޗީފް އޮފް ސްޓާފްއާއި ނޭޕާލްގެ އާމީގެ ޗީފް ސްޓާފްއާ ވެސް ބައްދަލު ކުރެއްވެވި އެވެ. އެ ބައްދަލުކުރެއްވުން ތަކުގައި އެ ގައުމުތަކުގެ އަސްކަރިއްޔާތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރުމުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން ވެސް ނާޒިމް މަޝްވަރާ ކުރެއްވެވި އެވެ.

ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް އަދި ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓެލިޖެންސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އާއި ޕްރިންސިޕަލް ޑައިރެކްޓަރު އިންޓާނޭޝަނަލް ޑިފެންސް ކޯޕަރޭޝަން ލެފްޓިނަންޓް ކާނަލް އިބްރާހިމް ހިލްމީ ބައިވެރިވެ ވަޑައިގެންނެވި އެވެ.