08 Sep 2022, 14:45
ރާއްޖޭ ގައި ބާއްވާ ތިން ވަނަ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ލ. ގަމަށް ފުރައިވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިއުވާން މުހައްމަދު އައްޔަނު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މިއުވާން ވިދާޅުވީ މި ފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުން ކަމަށެވެ.
މި ފަހަރު ވިއަވަތި ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް، ލ. ގަމުގައެވެ.
މި ފަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.
އެގޮތުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި ބިނާވެށި ޕްލޭން އެކުލަވާލުމާއި ހަމަހަމަކަމާއި ވިލުންވެރި މުޖްތަމައެއް ބިނާކުރުމާ ގުޅޭ ގޮތުން މި ފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކުރާނެއެވެ.
ކުރީ ފަހަރެކޭ ވެސް އެއްގޮތަށް މި ފަހަރު ވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލެއް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވިއަވަތި ރާއްޖެއަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.
އެންމެ ފަހުގެ ވިއަވަތި ރާއްޖެ ކޮންފަރެންސް ބާއްވާފައި ވަނީީ މިދިޔަ މެއި މަހުގެ ތެރޭގައި އއ. އުކުޅަހުގައެވެ.