08 Sep 2022, 14:31
މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް މީހަކު އައްޔަނު ނުކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިދިޔަ މަހުފަހުކޮޅު އައްޔަނު ކުރެއްވިފަހުން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ, ޚަރަދު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ޚަރަދު ކުޑަކުރަން އަންގާފައި އޮތްވައި ބޮޑެތި މުސާރަތަކެއް ދޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ސަބަބު ސާފުކޮށްދިނުމަށް ނޫސްވެރިއަކު އެދުނެވެ.
"މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަނެއް ނުކުރާނެ. ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އެ ކަނޑައަޅުއްވާ ނިޒާމްގެ ތެރެއިން ވަކި ކަމެއް ކުރުމަށް ބޭފުޅަކު ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައި އެ ބޭފުޅަކު ކަނޑައަޅަނީ. މަސައްކަތެއް ނުކޮށް ހަމަ ހުންނާކަށް އެއްވެސް ބޭފުޅަކު އެއްވެސް ދިމާލެއްގައި ނުހުންނަވާނެ," މިއުވާން ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާގެ ތަރުޖަމާނެއްގެ ގޮތުގައި މީގެ ކުރިން ހުންނެވި މިއުވާން އިތުރަށް ވިދާޅުވީ, ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެއް ތަނުން އަނެއް ތަނަށް 'ރިސޯސް' ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.
"ޚަރަދު ކުޑަކުރެވެން ހުރި ހުރިހާ މަސައްކަތެއް މުވައްޒަފުންގެ ކަންތަކުގައި ވެސް ކުރަމުން މި ދަނީ," މިއުވާން ވިދާޅުވިއެވެ.
ދުނިޔާގެ އިގްތިސޯދަށް އަންނަ ބަދަލުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާތީ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް އަންގާފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންގަވާފައެވެ.
ދައުލަތުގެ ޚަރަދު ކުޑަ ކުރެވޭނީ ސަރުކާރުން މިހާރު ކުރާ ބޭކާރު ޚަރަދު މަދުކޮށް, ސަރުކާރުގެ ސިޔާސީ މަގާމުތައްވެސް މަދުކޮށްގެން ކަމަށް ޕީޕީއެމް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ކޯލިޝަނަކުން އުފެދިފައިވާ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ވަރަށް ގިނައެވެ. އެއާއެކު އިދިކޮޅާއި ބައެއް އާއްމުންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.