08 Sep 2022, 14:13
ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ނިޒާމުގެ ތެރެއިން މާލެ ތެރޭގައި ކުރިއަށް ގެންދާ މިނީ ބަހުގެ ޚިދުމަތް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި، އިއްޔެ އެކަނިވެސް 8,024 މީހުން ބަހުގެ ޚިދުމަތް ހޯދާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
މިނީ ބަހުގެ ދަތުރުތައް ތިން ރޫޓަކުން ކުރާއިރު މާލޭގައި ބަސް ދަތުރުތައް ފެށިތާ 24ގަޑިއިރުގެ ތެރޭގައި 2،000އަށްވުރެ ގިނަ މީހުން ވަނީ ދަތުރުކޮށްފައެވެ. މީގެ އިތުރުން އިއްޔެ ފަތިހުން ފެށިގެން ދަންވަރު 12:15 އާއި ހަމައަށް އެކަނިވެސް 8024 މީހުން ދަތުރު ކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"މި ޚިދުމަތް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފި." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ބަސްދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު އެ ޚިދުމަތް ދިނުމަށްޓަކައި ގާތްގަނޑަކަށް 35 ވަރަކަށް ޑްރައިވަރުންނަށް ވަޒީފާ ދެވި ތަމްރީނު ދެވިފައިވާނެ ކަމަށެވެ.
ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން މިނީ ބަހުގެ ޚިދުމަތް މި މަހުގެ ހަވަނަ ދުވަހު ފަށާފައިވާއިރު ދެ ހަފުތަގެ މުއްދަތަށް ދަތުރުތަށް ހިލޭ ކުރެވޭނެއެވެ. އޭގެ ފަހުން ކޮންމެ ބަސްދަތުރަކަށް ހަތް ރުފިޔާ ނަގާނެއެވެ.
މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން
ދެ ހަފުތާއަށް ފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާ އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖައްސާފައެވެ.