އދ. މަޖިލިސް (8 ސެޕްޓެމްބަރު 2022) : ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިންސާނީ ތަރައްގީ ފަސް އަހަރުގެ މިންވަރަށް ފަހަތަށް ގޮސްފައިވާކަމަށް އދ. ން ބުނެފިއެވެ.

ތަރައްގީއާ ބެހޭ އދ. ގެ ޕްރޮގްރާމު (ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމު) "ޔޫއެންޑީޕީ" އިން ނެރުނު ރިޕޯޓެއް ބުނާގޮތުން އިންސާނުންގެ ސިއްހަތާއި ތައުލީމާއި ދިރިއުޅުމުގެ ފެންވަރަށާ އަދި އެވްރެޖް އުމުރަށް ވަނީ ކޮވިޑްގެ ސަބަބުން ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

ދުނިޔޭގެ އާބާދީކަމަށްވާ 7.5 ބިލިޔަން މީހުންގެ ތެރެއިން 600 މިލިޔަން މީހުންނަށް ކޮވިޑް ޖެހުނުކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 6.5 މިލިޔަން މީހުން އެ ބަލީގައި މަރުވެފައިވާކަން ތަފާސްހިސާބުތަކުން ހާމަވެފައިވާކަމަށް ޔޫއެންޑީޕީގެ ރިޕޯޓް ބުނެއެވެ.

ކޮވިޑްގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި އެތައް މިލިޔަން ކުދިން ދެ އަހަރެއްހާ ދުވަސް ވަންދެން ތައުލީމުން މަހުރޫމު ވުމާއި އެތައް މިލިޔަން ބައެއްގެ ސިއްހަތު ދަށަށް ދިޔުން އަދި ވަޒީފާ ގެއްލި އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހި ފަގީރުންނަށް ވެގެންދިޔަކަން މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް ޖެހިގެން 6.5 މިލިޔަން މީހުން މަރުވުމުގެ ސަބަބުން އިންސާނުންގެ އެވްރެޖް އުމުރު ދަށަށް ދިޔަކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ކޮވިޑްގެ އަސަރު އެކިގައުތަކަށް ކޮށްފައި ވަނީ އެކިމިންވަރަށެވެ. މިގޮތުން ދުނިޔޭގެ 90 ގައުމަކަށް މިބަލީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ޔޫއެންޑީޕީގެ ރިޕޯޓް ބުނެއެވެ.

ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން އެ ބަލީގައި މިލިޔަނަކަށްވުރެ ގިނަމީހުން މަރުވެފައިވާއިރު ދެވަނައަށް އެބަލީގައި އެންމެ ގިނައިން މީހުން މަރުވީ ބްރަޒީލްގައެވެ. ބްރަޒީލްގައި ހަ ލައްކަ އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވީ އިންޑިއާގައެވެ. އިންޑިއާއިން އެބަލީގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ނާކާމިޔާބު ތިން ގައުމަކީ ވެސް މިތިން ގައުމެވެ.

ކޮވިޑާއެކު އެމެރިކާ، ބްރަޒީލް އަދި އިންޑިއާގެ އާންމު ސިއްހަތުގެ ނިޒާމު އިނދަޖެހި ރޫޅިގެން ދިޔައެވެ. އެ ތިން ގައުމަށް އާންމު ސިއްހަތުގެ ނިޒާމު ހަމައަކަށް އަޅުވާލެވުނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން އުފައްދައި އެވެކްސިން އާއެކު މުޅި ދުނިޔޭގައިވެސް ކޮވިޑް ފެތުރޭ މިންވަރު މަދުވާން ފެށުމުންނެވެ.

ކޮވިޑަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްގެ ވައްތަރަކުން ފެތުރިގެންދިޔަ ރޯގާ ވައްތަރުގެ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ޗައިނާ ނޫން ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.